ރައްޔިތުން ވީޑިއޯ މެދުވެރިކޮށް ހުށަހަޅާ ސުވާލުތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވުމަށް ކުރިއަށް ގެންދެވި "ރައީސްގެ ޖަވާބު" ސިލްސިލާގައި، ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހަޅުއްވަން ބޭނުންވާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ފުރުސަތު ޢާއްމުކޮށް ހުޅުވާލައިފި އެވެ.
މިފުރުސަތު ބޭނުންވާ ރައްޔިތުން، ސުވާލު ރެކޯޑް ކުރުމަށްފަހު ހުށަހަޅަންޖެހެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށެވެ.
މި ޕޯޓަލް މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވަމުން ގެންދަވާނީ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިންނެވެ.
ރައީސްގެ ޖަވާބު ސިލްސިލާއަކީ ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ސުވާލުތަކަށް، ސީދާ ރައީސުލްޖުމްހޫރިއްޔާ ވީޑިއޯ މެދުވެރިކޮށް ދެއްވާ ޖަވާބު އާއްމު ކުރައްވަމުން ގެންދަވާ ގޮތަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފެށި ސިލްސިލާ އެކެވެ.
މި ސިލްސިލާގައި އޭރު ސުވާލުކުރަމުން ދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މީޑިއާ ޓީމަކުން ރައްޔިތުންނާ ބައްދަލުކޮށް، ވީޑިއޯ ސުވާލު ހުށަހެޅުމަށް ފުރުސަތު ދީގެންނެވެ. ނަމަވެސް އެގޮތަށް އެކަން ކުރިއަށް ގެންދިއުމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާއި ސުވާލުކުރުމަށް ބޭނުންވާ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ފުރުސަތު ދެވެމުން ނުދާތީ، ކޮންމެ ރައްޔިތަކަށްވެސް ވީޑިއޯ ސުވާލު ހުށަހެޅޭނެ ޕޯޓަލްއެއް އުފައްދައި ބޭނުންކުރެވެން ފެށެންދެން "ރައީސްގެ ޖަވާބު" ސިލްސިލާ ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.
ރައީސްގެ ޖަވާބު ސިލްސިލާ އަލުން މި ފެށީ ވީޑިއޯ މެދުވެރިކޮށް ކޮންމެ ރައްޔިތަކު ކޮންމެ ވަގުތަކު ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންވާ ކޮންމެ ސުވާލެއްވެސް "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ވަގުތުން ހުށަހެޅޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށްފަހު އެވެ.