ގައުމީ އިނާމް

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތަރު ބޭފުޅަކަށް ދޭން ނިންމައިފި

ގައުމީ އިނާމު ދިނުމަށް ބާއްވާ ޖަލްސާގައި މިއަހަރު ހަތަރު ބޭފުޅަކަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަދި 14 ބޭފުޅަކަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދިނުމަށް ނިންމައިފި އެވެ.

ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މޭ މަހުގެ 18 ވަނަ ދުވަހު އެވެ. އިނާމު ލިބޭ ބޭފުޅުން ހޮވީ އެކަމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވައިލެއްވި ހާއްސަ ކޮމިޓީތަކުންނެވެ.

ރައީސް އޮފީހުން މިއަދު ބުނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަަތަރު ބޭފުޅަކަށް ދޭން ނިންމާފައިވާ ކަމަށާއި މީގެތެރޭގައި މީގެކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެއްވެސް ހިމެނޭ ކަމަށެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، މިއަހަރު 11 ބޭފުޅަކަށް ދިނުމަށްވެސް ނިންމާފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑަލް މިއަހަރު ހާސިލު ކުރައްވަނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ހަ ބޭފުޅަކާއި، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި ހަތަރު ބޭފުޅަކާއި، އަދި ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އާ އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރެއްވި ބޭފުޅެކެވެ.

އެ އިނާމުތައް ދިނުން އޮންނާނީ މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި މާދަމާ ރޭ ބާއްވާ ހާއްސަ ޖަލްސާގައެވެ. ކީރިތި ގުރްއާން ހިތުދަސްކޮށް، މިއަހަރު އެއް ވަނަ ދަރަޖައިގައި ފާސްވި 11 ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑެލްވެސް މި ޖަލްސާގައި ދޭނެ އެވެ.