ރައީސް އޮފީސް

ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަށް މާދަމާ ހުޅުވާލަނީ

May 29, 2021

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މިއީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މީހުނަށް ކުރިމަތިލެވޭ އިނާމެކެވެ.

ރައީސް އޮފީހުން ބުނީ މިއީ އެފަދަ މުވައްޒަފުން އެމީހުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ގާބިލުކަމާއި އިހްލާސްތެރި ކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެއް ކަމަށެވެ.

މި އިނާމު ދޭނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ހިދުމަތްކުރި ފަރާތްތަކަށެވެ. ހިދުމަތްކުރާ މުވައްޒަފެއްގެ ނަން އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެ މުވައްޒަފު އަމިއްލައަށް އިނާމަށް ހުށަހެޅޭނެ އެވެ.

މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން އިނާމަށް މީހެއްގެ ނަން ހުށަހަޅާނަމަ އެ މީހަކީ އެ މުއައްސަސާއެއްގައި ނުވަތަ އެ ކުންފުންޏެއްގައި ހިދުމަތްކުރި، ނުވަތަ ހިދުމަތް ކުރަމުންގެންދާ މީހަކަށް ވާން ޖެހެއެވެ.

މި އިނާމަށް ހުޅުވާލާނީ މާދަމާއިން ފެށިގެން އޮގަސްޓް 12 ވަނަ ދުވަހުގެ ނިޔަލަށެވެ. ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ދޭނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި ހަނދާނީ ފިލައެކެވެ.