މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ވަނީ އެ ފުރުސަތު ހުޅުވާލައި ގައުމީ އިނާމާބެހޭ ލިޔުން، ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފަ އެވެ.
މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މި އަހަރު ގައުމީ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު އެ މަޖިލީހުން ރައީސަށް ލަފާއަރުވާފައިވަނީ، އިނާމަށް މި އަހަރު އިއުލާނު ކުރެއްވުމަށެވެ. އަދި ކޮވިޑުގެ ހާލަތު އެވަގުތަކު އޮތް ގޮތެއްގެ މައްޗަށް ބެލުމަށްފަހު މުނާސަބަތު ފާހަގަކުރެވޭ ގޮތަށް ހާލަތު ބަދަލުވެއްޖެނަމަ، ގައުމީ ދުވަހުގެ ޖަލްސާ އާއި ޖުމްހޫރީ ދުވަހުގެ ޖަލްސާ ބޭއްވެވުމަށާއި ޖަލްސާ ބޭއްވޭނެގޮތް ނުވެއްޖެނަމަ އެވަގުތުގެ ހާލަތަށް ބެލުމަށްފަހު އިނާމު ދެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ލަފާއަރުވާފަ އެވެ.
ގައުމީ އިނާމު މިއަހަރުވެސް ދެއްވާނީ މައިގަނޑު 33 ދާއިރާއަކުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ދާއިރާތަކާއި ދާއިރާތަކުގެ ރޮނގުތަކާ ގުޅޭގޮތުން ސަރުކާރުގެ މިނިސްޓްރީތަކާއި މުއައްސަސާތަކުގެ ހިޔާލު މި އަހަރުވެސް ވަނީ ހޯދާފަ އެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކާއި ކުންފުނި، ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސަވާފަ އެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުންވެސް ގައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސާފަ އެވެ.
ރައީސް އޮފީހުން ބުނީ އިނާމަށް ނަން ހުށަހަޅާ ފޯމު ފޮނުވުމުގެ ސުންގަޑިއަކީ އަންނަ އޮގަސްޓު މަހުގެ 13 ވަނަ ދުވަހު މެންދުރުފަހު 2:00 އެވެ. އަދި މި ފޯމުތައް އޮގަސްޓު މަހުގެ 4 އިން ރަސްމީ ގަޑީގައި ބަލައިގަންނާނެ ކަމަށެވެ. އެ ފޯމު ރައީސް އޮފީހުންނާއި، އޮފީހުގެ ވެބްސައިޓުންވެސް ދޫކުރެ އެވެ.