ހަބަރު

ހާއްސަ އިނާމަށް 50 އަށް ވުރެ ގިނަ ހުށަހެޅުން

Oct 6, 2020

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް 57 ފޯމު ހުށަހަޅާފައިވާ ކަމަށް ހާއްސަ އިނާމާބެހޭ ކޮމިޓީން ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ އިނާމަށް ހުށަހެޅި ފަރާތްތައް އިނާމަށް ޝަރުތު ހަމަވޭތޯ ބެލުމާމާއި، ފޯމުތައް ދިރާސާ ކުރުމުގެ މަސައްކަތް އެ ކޮމިޓީން ކުރާ ކަމަށެވެ. ހާއްސަ އިނާމު މިއަހަރު ދެނީ ހަތަރު ގިންތިއަކުން ކަމަށްވާއިރު، މިއަހަރު ހުށަހެޅި 57 ފޯމު ހުށަހަޅާފައި ވަނީ ތިން ގިންތިއަކުން ކަމަށް ވެސް ރައީސް އޮފީހުން އިތުރަށް ބުނެފައިވެ އެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމުގައި މިއަހަރު އިތުރު ގިންތިއެއް ހިމަނާފައި ވެއެވެ. އިތުރު ކުރި ގިންތިއަކީ، ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދިނުމެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމުގެ ތެރޭގައި ހިމެނޭ އަނެއް ގިންތިއަކީ، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތިއެވެ.
މި އިނާމު ދޭނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.