ގައުމީ އިނާމް

ގައުމީ އިނާމަށް ހުޅުވާލައިފި

މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ގައުމީ އިނާމާބެހޭ ކޮމިޓީން ހުޅުވާލައިފި އެވެ.

ގައުމީ އިނާމަށް މިއަހަރުވެސް ހުޅުވާލީ މައިގަނޑު 33 ދާއިރާއަކުންނެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި ކުންފުނި އަދި ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސަވާފައެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުންވެސް ގައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސަވާފައެވެ.

ގައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހެޅޭނީ އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. އަދި ކުންފުނި ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ގައުމީ އިނާމަށް ނަން ހުށަހަޅާނީވެސް، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ.

ގައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކުރާނެ އެވެ. އަދި އެއޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓް އެޑްރެހަކީ www.presidencymaldives.gov.mv އެވެ. މި އަހަރު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން މިއަހަރުގެ މޭ މަހުގެ 27ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ދެމެދުއެވެ.