ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަންގެ އިންތިހާބު "ބާތިލް ކަމަށް" ސްޕޯޓްސް ކޮމިޝަނާ އެންގެވި އެންގުން އެޓާނީ ޖެނަރަލްގެ ލަފައެއް ލިބެންދެން މަޑު ޖައްސަލުމަށް ޔޫތު މިނިސްޓްރީން އޮލިމްޕިކް ކޮމިޓީއަށް އެންގި އެންގުމަށް ތާއީދު ކުރައްވާ ކަމަށް ސްޕޯޓްސް ކޮމިޝަނާ އަހްމަދު ނަޝީދު (ޑޭވް) ވިދާޅުވެއްޖެ އެވެ.
ވީއޭއެމްގެ އިންތިހާބު ބާތިލްކަމަށް އަންގައި އަލުން އިންތިހާބު ބާއްވަން ސްޕޯޓްސް ކޮމިޝަނާ އޮލިމްޕިކް ކޮމިޓީއަށް އެންގި އެންގުން ސައްހަ ނޫން ކަމަށް ބުނެ ސްޕޯޓްސް ކައުންސިލަށް ހުށަހެޅި މައްސަލައާ ގުޅިގެން މިދިޔަ ބްރާސްފަތި ދުވަހު ޔޫތު މިސްޓްރީން ވަނީ އެޓާނީ ޖެނަރަލްގެ ލަފައެއް ލިބެންދެން އެކަން މަޑު ޖައްސާލުމަށް އޮލިމްޕިކް ކޮމިޓީއަށް އަންގާފަ އެވެ.
މިކަމާ ބެހޭގޮތުން ޑޭވް ވިދާޅުވީ ވީއޭއެމްގެ އިންތިހާބުގެ މައްސަލަތަކެއް ހުރި ކަމަށް ފަހަގަކޮށް ކޮމިޝަނާ އޮފް ސްޕޯޓްސް އޮފީހަށް ހުށަހެޅުނު މައްސަލަ ބެލިބެލުމުން އިންތިހާބު ސައްހަވާނެ އެއްވެސް ހާލަތެއް ފެންނާން ނެތުމުން ގަނޫނުން ލިބިދޭ ބާރުގެ ދަށުން އަލުން އިންތިހާބު ބޭއްވުމަށް އޮލިމްޕިކް ކޮމިޓީއަށް އަންގާފައިވާނެކަމަށެވެ.
އަދި ވިދާޅުވީ ސްޕޯޓްސް ކޮމިޝަނާއަށް އެ ބާރު ލިބިގެންވޭތޯ ސާފު ކުރުމަށް އެޓާނީ ޖެނަރަލްއަށް ޔޫތު މިނިސްޓްރީން ހުށަހެޅި ހުށަހެޅި ހުށަހެޅުމަށް ތާއީދު ކުރައްވާ ކަމަށެވެ.
"ރައިސުލްޖުމްހޫރިއްްޔާ އަޅުގަނޑާ ހަވަލު ކުރެއްވި މަސްއޫލިއްޔަތުގެ ދަށުން ރާއްޖޭގެ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން އަޅުގަނޑާ ހަމަޔަށް ހުށަހެޅޭ މައްސަލަ ބެލުމަކީ އަޅުގަނޑުގެ ޒިންމާއެއް،" ޑޭވް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ އެ މައްސަލަ ވީއޭއެމް އިން ސްޕޯޓްސް ކައުންސިލަށް ހުށަހެޅި ހުށަހެޅުމަށް އިހްތިރާމް ކުރައްވާ ކަމަށެވެ.
"އެބޭފުޅުންވެސް އެބޭފުޅުންގެ ދިފާއުގައިި ކަންކަން ކުރާނެ،ވާހަކަ ދައްކާނެ، އެކަމަށް އަޅުގަނޑު އިހްތިރާމް ކުރަން،"
މިދިޔަ ހަފުތާގައި ކޮމިޝަނާ އޮފް ސްޕޯޓްސް އަހްމަދު ނަޝިދު ޑޭވް ވަނީ އިންތިހާބު ބާތިލުކޮށް، 30 ދުވަސް ތެރޭ އިންތިހާބު ބޭއްވުމަށް އޮލިމްޕިކް ކޮމިޓީއަށް އަންގާފަ އެވެ. އެކަމާ ބެހޭގޮތުން ވީއޭއެމްއިން ބުނީ އެ ހައިސިއްޔަތު ސްޕޯޓްސް ކޮމިޝަނަރަށް ލިބިގެން ނުވާ ކަމަށެވެ.