ރާއްޖެ ކުޅިވަރު

ގައުމީ ފެންވަރުގެ ޓީޓީ މުބަރާތްތަކުގައި ވެޓަރަންސް ކެޓަގަރީ ތައާރަފުކުރަނީ

ގައުމީ ފެންވަރުގެ ޓޭބަލް ޓެނިސް (ޓީޓީ) މުބާރާތްތަކުގައި ވެޓަރަންސް ކެޓަގަރީއަށް ފުރުސަތު ދޭން ޓީޓީ އެސޯސިއޭޝަނުން ނިންމައިފިއެވެ.

ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވީ ކުރިއަށް އޮތް ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވެޓަރަންސް ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ވެޓަރަންސް ކެޓަގަރީ ހިމެނުމަށް ނިންމާފައިވާ ކަމަށެވެ.

"އެސޯސިއޭޝަން ކަޕްގައި ލިބޭ ތަރުހީބަށް ބަލާފައި ކުރިއަށް އޮތް އެހެން މުބާރާތްތަކުގައި ފުރުސަތު ދޭ ގޮތަށް އަޅުގަނޑުމެން ނިންމަފައި މިވަނީ" އައްޔަ ވިދާޅުވިއެވެ.

އެސޯސިއޭޝަން ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 27 ން 31 ށެވެ.

ކުރީގެ ޓިޓީ ކުޅުންތެރިންގެ ތެރެއިން 40 އަހަރުން މަތީގެ ކުޅުންތެރިންނަށް ފުރުސަތު ހުޅުވާލައިފައިވާ ކަމަށް އައްޔަ ވިދާޅުވިއެވެ. މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ދުވަހަކީ މި މަހު 20 ވަނަ ދުވަހުއެވެ.

މިދިޔަ މަހު ބޭއްވި ދެކުނު އޭޝިއާގެ ވެޓަރަންސް މުބާރަތުގައި ރާއްޖޭގެ ޓީޓީ ވެޓަރަންސް ޓީމު ވަނީ ލޯ މެޑަލް ހޯދާފައެވެ.

"މިހާރު ބައިނަލްއަގްވަމީ ފެންވަރެއްގައިވެސް ޓީޓީ މުބާރާތްތައް ބާއްވާ. އަނެއްކާ ސައުތު އޭޝިއަން ޗެމްޕިއަންޝިޕްގައި ދިވެހި ވެޓަރަންސް ޓީމު ވަނީ ބްރޯންޒް މެޑަލް ހޯދާފަ. އެހެންވީމަ އެސޯސިއޭޝަންގެ މުބަރަތްތަކުގައިވެސް ވެޓަރަންސް ޓިޓީ އަށް ފުރުސަތު ދިނުމަކީ މުހިންމު ސަބަބެއް،" އައްޔަ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރީގެ މޮޅެތި ޓީތީ ކުޅުންތެރިންގެ ފަރާތުން އެކަމަށް ޝައުގުވެރިކަން ފަޅުކޮށްފައިވާ ކަމަށެވެ.

"އެސޯސިއޭޝަންގެ ކުރީގެ ރައީސް ލަތީ (އަހްމަދު ލަތީފް) އަކީ ވަރަށް މޯޅަށް ޓީޓީ ކުޅުއްވާ ބޭފުޅެއް. ޔާސިރު އާއި ތާޅަފިލި އަލިބެ މެންފަދަ ކުރީގެ ކުޅުންތެރިންގެ ފަރަތުން މިކަމަށް ތަރުހީބު އެބައޮތް. އުންމީދު ކުރަނީ ފޯރިގަދަ ވާނެ ކަމަށް،" އައްޔަ ވިދާޅުވިއެވެ.