މިމަހު 20 ވަނަ ދުވަހު ބޭއްވުމަށް ހަމެޖެހިފައިވާ ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ އިންތިހާބުގައި އެ ޖަމްއިއްޔާގެ ރައީސްކަމަށް، އެމްއާރްޑީސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓާ އަހްމަދު މަމްދޫހް (މަންޑޭ) އާއި މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝީނާން ކުރިމަތި ލައްވައިފި އެވެ.
މަންޑޭ އާއި ސިނާންގެ އިތުރުން އަޙްމަދު އާދަމް ވެސް ވަނީ އެމްބީއޭގެ ރައީސް ކަމަށް ކުރިމަތިލާފައެވެ. އަދި ހަޒާންދާރު ކަމަށްވެސް އޭނަ ވަނީ ކުރިމަތިލާފައެވެ.
ކުރިމަތި ލުމުގެ ފުރުސަތު އިއްޔެގެ ނިޔަލަށް ހަމަވެފައިވާ އިރު، އިންތިހާބުގައި ވާދަ ކުރެއްވާނެ ކެނޑިޑޭޓުންގެ ނަންތައް މިހާރު ވަނީ، އިންތިހާބީ ކޮމިޓީ އިން ފައިނަލްކޮށްފަ އެވެ.
ނައިބުރައީސް ކަމަށް މިހާރުގެ ސެކެޓްރީ ޖެނަރަލް އާރިފް ރިޒާ އާއި ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އަހްމަދު އިސްމައިލްގެ ކޮއްކޮ ހަސަން އިސްމާއިލް ވެސް ވަނީ ކުރިމަތިލައްވައިފަ އެވެ.
އަހްމަދު އާދަމްގެ އިތުރުން ހަޒާންދަރު ކަމަށް ދެން ކުރިމަތިލާފައިވަނީ ހުސައިން ސިޔާހް އާއި މުހައްމަދު ޝިޔާހު އެވެ.
އެކްސްކޯގެ މަގާމު ތަކުގެ ތެރެއިން ފުރިހަމަ މެންބަރު ކަމަށް 10 ބޭފުޅުން ވަނީ ކުރިމަތިލާފަ އެވެ. ފުރިހަމަ މެންބަރު ކަމަށް އިންތިހާބު ކުރުމަށް ހަމަެޖެހިފައިވަނީ ފަސް މެންބަރުންނެވެ. އަމިއްލަ މެންބަރުންގެ ގޮތުގައި ދެ ބޭފުޅަކު ވަނީ ކުރިމަތި ލައްވާފަ އެވެ.
ވޭތުވެދިޔަ 21 އަހަރު އެމްބީއޭގެ ރައީސް ކަމުގެ މަގާމު ފުރުއްވި އަހްމަދު ހާދިޒު ވަނީ ކުރިއަށް އޮތް އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް އިއުލާން ކޮށްފަ އެވެ.
އެމްބީއޭގެ ދައުރު މިދިޔަ މަހުގެ 15 ގައި ހަމަވި ނަމަވެސް، ހޯމް މިނިސްޓްރީން ވަނީ އިންތިހާބު ބޭއްވުން ތިން މަސް ދުވަހަށް ފަސްކޮށް، އެމްބީއޭގެ ދައުރު އިތުރުކޮށްފަ އެވެ.
އޭގެ ފަހުން އެމްބީއޭއިން ވަނީ އިންތިހާބު ބޭއްވުމަށް އެމްއޯސީ މެދުވެރިކޮށް ދުނިޔޭގެ ބާސްކެޓްބޯލް ފެޑްރޭޝަން (ފީބާ) ގެ ލަފައަކަށް އެދިފަ އެވެ. ފީބާއިން އަންގާފައިވަނީ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށެވެ. އެއަށްފަހު މޯލްޑިވެސް އޮލިމްޕިކް ކޮމިޓީއާއި ސްޕޯޓްސް ކޮމިޝަނަގެ އޮފީހުން ވަނީ އިންތިހާބު ބޭއްވުމަށް 21 ދުވަސް ކަނޑައަޅައި އިންތިހަބުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ތިން މެންބަރުންގެ ކޮމިޓީީއެއް އެކުލަވާލާފައެވެ.