ރާއްޖެ ކުޅިވަރު

ރިއޯ އޮލިމްޕިކްސް: ގައުމީ ރެކޯޑް އަފާ އާ ކޮށްފި

ބްރެޒިލްގެ ރިއޯ ޑީ ޖެނިރިއޯ ގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ އަންހެނުންގެ 200 މީޓަރު ދުވުމުގައި ރައްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ އަފާ އިސްމާއީލް 200 މީޓަރުން މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އޭނާ ހެދި ގައުމީ ރެކޯޑް މުގުރާލައިފިއެވެ.

ރިއޯގެ އޮލިމްޕިކްސް ސްޓޭޑިއަމްގައި އަފާ ރޭސް ފުރިހަމަ ކުރީ 24.96 ސިކުންތުންނެވެ. ރީޔޫނިއަންގައި ބޭއްވި އައިއޯއައިޖީގައި އަފާ ރޭސް ނިންމީ 25.43 ސިކުންތުންނެވެ.

މިއަދު ހީޓް އެކެއްގައި ދުވެ އަފާއަށް ލިބުނީ އަށް ވަނައެވެ. އަފާގެ ހީޓުން އެއް ވަނަ އަށް ދިޔައީ ހޮލެންޑްގެ ޑިފަން ޝިފިއާސްއެވެ. އޭނާ ރޭސް ނިންމީ 22.51 ސިކުންތުންނެވެ. އޭނާގެ ރޭންކަކީ ފަސް ވަނައެވެ.

ނުވަ ހީޓްގައި ދުވި 72 ބައިވެރިންގެ ތެރެއިން އަފާގެ ރޭންކަކީ 65 ވަނަ އެވެ.

ހުރިހާ ހީޓަކުން އެއް ވަނަ އަށް ދިޔައީ އައިވަރީކޮސްޓްގެ މަރިއާ ޖޫސީ ޓަލޫއެވެ. އޭނާ ރޭސް ނިންމީ 22.31 ސިކުންތުންނެވެ.

ދުއިސައްތަ މީޓަރުގެ ދުނިޔޭގެ ރެކޯޑާއި އޮލިމްޕިކްސްގެ ރެކޯޑްވެސް އޮންނަނީ އެމެރިކާގެ ކުރީގެ ދުވުންތެރިޔާ ޖޮއިނާ ގްރިފްތު އަތުގައެވެ. އޭނާ މި ރެކޯޑް ފުރިހަމަ ކުރީ 1988 ވަނަ އަހަރު ދެކުނު ކޮރެއާގެ ސޯލްގައި އޮލިމްޕިކްސްގެ 21.34 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެރިކޯޑަށް މިހަރު ވަނީ 28 އަހަރުވެފައެވެ.