ވިޔަފާރި

އެލައިޑުން އޮންލައިންކޮށް އިންޝުއަރެންސް ގަނެވޭނެ ފަސޭހަ ނިޒާމެއް ހަދަނީ

Feb 22, 2015

އެލައިޑްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް ވިދާޅުވީ ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އޮންލައިން މެދުވެރިކޮށް އިންޝުއަރެންސް ޕޮލިސީ ގަނެވޭނެ ނިޒާމެއް ހަދަމުންދާ ކަމަށެވެ.

"އަންނަ އަހަރު މެދަކާ ހަމައަށް ދާއިރު ހުރިހާ އިންޑިވިޖުއަލް ޕޮލިސީތަކެއް އޮންލައިންކޮށް ދޫކުރަން ފެށޭނެ. އިންޖިވިޖުއަލް ފަސް ޕޮލިސީ އޮންލައިން މެދުވެރިކޮށް ގަނެވޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން،" އަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ނިޒާމު ތައާރަފު ކުރުމުން ގޭގަޔާއި އޮފީހުގައި ހުރެގެން ވެސް އިންޝުއަރެންސް ހިދުމަތް ހޯދޭނެ ކަމަށެވެ.

"ބޭނުންވަނީ ކްރެޑިޓް ނޫނީ ޑެބިޓް ކާޑުން ޕޮލިސީ ގަނެވޭ ގޮތްވުން. އެކަން ކުރުމަށްޓަކައި އޮންލައިން ޕޯޓަލެއް ހަދަމުން މިދަނީ. ވަރަށް ކައިރި މުސްތަގުބަލެއްގައި އެކަން ވާނެ. އޭރުން އޮފީހަށް ނައި ނަމަވެސް ގޭގައި އިނދެގެން ގަނެވޭނެ. އިންޝުއަރެންސަކީ މީހުންނަށް ފަސޭހައިން ކުރަން. ކޮންމެހެން ނުޖެހޭ. އޭރުން ގޭގައި އިންނަވައިގެން 10 މިނެޓު ތެރޭ އެކަން ކޮށްލެވޭނެ،" އަމީލް ވިދާޅުވި އެވެ.

އެލައިޑުން މިހާރުވެސް ދަނީ ތާޑް ޕާޓީ މޮޓޯ އިންޝޫރެންސް އޮންލައިންކޮށް ވިއްކަމުންނެވެ.