ރާއްޖޭގެ ގައުމީ ކޯޗަކަށް ވުމަކީ ކޯޗިން ކެރިއަރުގައި އޭނާ ކުރިމަތިލާ އެންމެ ބޮޑު ޗެލެންޖުކަމަށާއި އެޗެލެންޖާ ކުރިމަތިލާން ތައްޔަރު ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗް އޮސްޓްރޭލިއާގެ ޑާރެން ސްޓްވާޓް ބުނެފި އެވެ.
ރާއްޖޭގެ ކޯޗް ކަމަށް މިދިޔަ މަހު ހަވާލުވެ، ފުރަތަމަ ފަހަރަށް ދިވެހި މީޑިއާތަކާ ވާހަކަ ދައްކަމުން ސްޓެވާޓް ބުނީ އެފްއޭއެމްއިން އޭނާ އަށް އިތުބަރު ކުރުމަށްފަހު ގައުމީ ޓީމްގެ ކޯޗް ކަން ހަވާލު ކުރުމުން ވަރަށް ބޮޑަށް ހިތް ހަމަޖެހުމެއް ލިބިއްޖެ ކަމަށެވެ.
މީގެ ކުރިން ސިންގަޕޫރުގެ ބެލަސްޓިއާ ކަލްސާއަށާއި ވުޑްވޭޑް ވެލިންގްޓަނަށްވެސް ކޯޗްކަން ކޮށްދީފައިވާ، ސްޓެވާޓަށް، ދިވެހި ގައުމީ ކޯޗުކަން ވާނީ، ބައިނަލްއަގްވަމީ ފުޓްބޯޅައިގެ ފުރަތަމަ ތަޖުރިބާއަށެވެ.
"ތެދެއް މީ އަހަރެންގެ ކޯޗިން ކެރިއަރުގައި ބައިނަލްއަގްވަމީ ފުތްބޯޅައިގެ ފުރަތަމަ ތަޖުރިބާ އެކަމަކު އެފްއޭއެމް އިން އަހަންނަށް އިތުބާރުކޮށްފައި ރާއްޖޭގެ ކޯޗްކަން ހަވާލު ކުރުމަކީ އަހަރެންގެ ކެރިއާގައި ލިބުނު އެންމެ ބޮޑު ޝަރަފު. އަހަންނަށް ކުރި އިތުބާރުގެ ބަދަލު ދިވެހި ފުޓްބޯޅައަށް ހޯދައިދިނުމަށް އަހަރެން މަސައްކަތް ކުރާނަން" ސްޓެވާޓް ބުންޏެވެ.
"މީ ޗެލެންޖެއް ނަމަވެސް ގޮންޖެހުމެއް ނޫން"
އުމުރުން 50 އަހަރުގެ ސްޓެވާޓް ޓީމެއްގެ ކޯޗެއްގެ ގޮތުފައި ފެނިފައިވަނީ 2009 ވަނަ އަހަރުން ފެށިގެންނެވެ. ކޯޗިން ކެރިއަރުގައި ސްޓެވާޓްގެ އެންމެ ބޮޑު ކަމިޔާބަކަށް އޮތީ 2013 ވަނަ އަހަރު ސިންގަޕޫރު ލީގް ބެލަސްޓިއާއަށް ކާމިޔަބު ކޮށްދިނުމެވެ.
މީގެ ކުރިން ހަމައެކަނި ކުލަބު ފުޓްބޯޅައިގައި މަސައްކަތް ކުރުމަށްފަހު ގައުމީ ޓީމެއްގައި މަސައްކަތް ކުރުމަކީ އުނދަގޫ ކަމަކަށް ވާނެ ތޯ ސުވާލު ކުރުމުން ކޯޗް ބުނީ "މީ ޗެލެންޖަކަށް ވެދާނެ. ނަމަވެސް މީ ގޮންޖެހުމަކަށް ވާނެ ކަމަށް ގަބޫލު ނުކުރާ" ކަމަށެވެ.
ރާއްޖޭގެ ޓީމަކީ ވަރުގަދަ ޓީމަކަށް ހެދުން އެއީ އަހަންނަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ. ނަމަވެސް ބުރަ މަސައްކަތާއި ޑިސިޕްލިންއާއެކު އެކަން ކުރެވޭނެ. ބޭނުމީ އެކަމަށް ބުަރަ މަސައްކަތް ކުރުން" ސްޓެވާޓް ބުންޏެވެ.
ވޭތުވެދިޔަ އެއް އަހަރު ތެރޭ ރާއްޖޭގެ ގައުމީ ޓީމް، ވަނީ ދެކޯޗުންގެ ތަޖުރިބަ ކޮށްފަ އެވެ. އެހެންވެ އެއީ އޭނާއަށް އޮތް ޕްރެޝަރަކަށް ވާނެތޯ ސުވާލު ކުރުމުން ސްޓެވާޓް ބުނީ "ކޮންމެ ކޯޗެއްގެ ކެރިއަރުގައި ވެސް ޕްރެޝަރު ހިމެނޭނެ" ކަމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގައި މަސައްކަތް ކުރާއިރު "އޭޝިއާގެ ފުޓްބޯޅައިގެ ތަޖުރިބާ ހުރުމަކީ ޕްލަސް ޕޮއިންޓެއް ކަމަށް ސްޓެވާޓް ދެކެ އެވެ.