ސިއްހަތު

ވައިރަހުގެ ނުރައްކާ ބޮޑީ ހެނދުނުގަޑީގައި!

Aug 17, 2016

މީހެއްގެ ގަޔަށް ވައިރަސް އަރައިފި ނަމަ އޭގެ ނުރައްކާ ވަގުތާއި ހާލަށް ބެހިގެންދާ ކަމަށާއި އެގޮތުން ހެނދުނުގަޑީގައި ވައިރަހުގެ ނުރައްކާ 10 ގުނަ އަށް ބޮޑު ކަމަށް އާ ދިރާސާއަކުން ހޯދައިފި އެވެ.

އެމެރިކާގެ ނެޝެނަލް އެކަޑެމީ އޮފް ސައިންސްގެ ޖާނަލް، ޕީއެންއޭއެސްގައި ޝާއިއުކޮށްފައިވާ މި ދިރާސާގެ ރިޕޯޓްގައި ބުނެފައި ވަނީ މިއީ ވައިރަސްތަކާ ދެކޮޅަށް ފަރުވާ ދިނުމުގައި އާ ކުރިއެރުންތަކެއް ހޯދުމަށް އެހީވާނެ ދިރާސާއެއް ކަމަށެވެ. ޔުނިވާސިޓީ އޮފް ކޭމްބްރިޖުގެ ޕްރޮފެސަރުންގެ ޓީމަކުން މިދިރާސާކޮށްފައި ވަނީ ރޯގާގެ ދެ ވައިރަސްއެއް މީދަލުގައި ޓެސްޓްކޮށް އޭގެ އަސަރު ވަގުތާއި ހާލަތުގައި މީދާތަކަށް ކުރާ ގޮތް ބަލައިގެންނެވެ.

އެގޮތުން ހެނދުނު ގަޑީގައި ވައިރަސް އިންޖެޓްކުރި މީދާތަކަށް އޭގެ އަސަރުކުރާ މިންވަރު 10 ގުނަ އަވަސް ކަމަށް ދައްކާއިރު ހަވީރު ގަޑީގައި ނުރައްކަލުގެ އަސަރު ކުޑަ އެވެ.

ބެކްޓީރިއާއި ޕެރަސައިޓްސްއާ ހިލާފަށް ވައިރަސް ހަށިގަނޑުގެ ސެލްތަކުގެ ކޮންޓްރޯލް އަތުލަނީ މުޅި ސެލްގެ ހުރިހާ ބައިތަކަކަށް އެއްފަހަރާ ހަމަލާދީ ބަލިކޮށްލައިގެންނެވެ. އެހެންކަމުން ހަވީރުގެ ވަގުތުތަކުގައި ހަށިގަނޑުގެ ސެލްސްތަކުގައި އޭގެ ފުރިހަމަކަން ނެތުމުން ވައިރަސްގެ ހަމަލާ ކާމިޔާބުނުވެ ވައިރަސް ބަލިވެގެން ދަނީ އެވެ.

"ލިބެން ހުންނަ ހުރިހާ އެއްޗެއް ވައިރަސް އަށް ބޭނުންވާނީ އޭގެ އެންމެ ރަނގަޅު ވަގުތުގައި. އެހެން ނޫން ވައިރަސްގެ އަސަރެއް ނުކުރާނެ. އެކަމަކު ހެނދުނު ގަޑީގައި ވައިރަސްގެ ކުޑަކުޑަ މިންވަރަކުން ވެސް ސެލްގެ ކޮންޓްރޯލް އަތުލައި ހަށިގަނޑަށް ވެރިވެގަނެފާނެ،" ދިރާސާގެ ޕްރޮފެސަރެއް ކަމުގައިވާ އެކްހީލެޝް ރެޑީ ބީބީސީ ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

އޭނާ ބުނީ އާ ދިރާސާގެ ސަބަބުން ބޭސްކުރުމަށް ކުރިއެރުން ލިބޭނެ ކަމަށާއި ހެނދުނު ގަޑީގައި ވައިރަސް އަށް ސަމާލުވުމަކީ ފުރާނަ ސަލާމަތްކުރުމަށް އެޅޭނެ ފިޔަވަޅަކަށް ވެގެންދާނެ ކަމަށެވެ.

މި ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި ޑޮކްޓަރު ރޭޗަލް އެޑްގާ ވިދާޅުވެފައި ވަނީ ނިދީގެ ގަޑިތަކާއި ހޭލާ ހުންނަ ވަގުތުތަކުގެ ގަޑިތައް އޮޅުންބޮޅުންވުމަކީ ވެސް ވައިރަސް އަށް ހަށިގަނޑު ހުށަހެޅޭ މިންވަރު ބޮޑުގެ އޭގެ ނުރައްކާ ބޮޑުވާ ކަމެއް ކަމަށެވެ. އެގޮތުން ބައެއް ރޭރޭ ނުނިދައި ޝިފްޓް ޑިއުޓީ ނަގާ މީހުންގެ ނިދުމުގެ ތަރުތީބު ގެއްލޭ ނަމަ އެފަދަ ގޮތަކަށް ދިރިއުޅޭ މީހަކަށް ވައިރަސްގެ ނުރައްކާ ބޮޑުވާނެ ކަމަށެވެ.

ކެމްބްރިޖު ޔުނިވާސިޓީގެ މި ދިރާސާގައި ބޭނުންކޮށްފައި ވަނީ އެންމެ ދެ ވައްތަރެއްގެ ވައިހެވެ. އެއީ އިންފްލުއެންޒާ އާއި ހާޕަސް ވައިރަހެވެ. މިފަދަ ދިރާސާތަކުގައި މީދާ ބޭނުންކުރަނީ އިންސާނުންގެ ޖެނެޓިކްސް އާއި ބަޔޮލޮޖިކަލް އަދި ބިހޭވިއާ ކެރެކްޓަރިސްޓިކްސް އެންމެ ދިމާވަނީ އެއާކަމުގައިވާތީ އެވެ. --ބީބީސީ