ސިއްހަތު

ބަލިތަކުން ސަލާމަތްވާން ބޭނުމީ ކިހާ ކަސްރަތެއް؟

Aug 17, 2016

ހެލިފެލިވެ އުޅުން ވަރަށް ވެސް މުހިންމެވެ. ދުވާލަކު މަދުވެގެން އެއް ގަޑިއިރު ހިނގާލެވޭތޯ ބަލާށެވެ. ނުވަތަ ކޮންމެވެސް ކަމެއްގައި ހަރަކާތެރިވެ އުޅެވޭތޯ ބަލައްޗެވެ. އޭގެ ސަބަބުން ދިފާއީ ނިޒާމް ވަރުގަދަކޮށް އާންމު ބަލިތަކުން ރައްކާތެރިކަން ލިބޭތީ އެވެ.

ބްރިޓިޝް މެޑިކަލް ޖާނަލް ނުވަތަ ދަ ބީއެމްޖޭ ގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައި ވަނީ ގަވާއިދުން ކަސްރަތުކުރާ ނަމަ އުރަމަތީ ކެންސަރާއި ގޮހޮރުގެ ކެންސަރު އަދި ހަކުރު ބައްޔާއި ހިތުގެ ބަލިތަކުން އަދި ސްޓްރޯކް ޖެހުމުގެ ނުރައްކަލުން ސަލާމަތްވެވިދާނެ ކަމަށެވެ. އަދި ކަސްރަތުގެ ގޮތުގައި ގޭތެރޭގައި ހެލިފެލިވެ އުޅުމާއި ގަސް އިންދުން ފަދަ މަސައްކަތްކުރުމާއި ކާރު ފަދަ އުޅަނދުތައް ދޫކޮށް ހިނގާލާފައި އުޅުން ނުވަތަ ބައިސިކަލުގައި އުޅުން ފަދަ ކަންތައް ވެސް ކުރެވިދާނެ ކަމަށެވެ.

ކުރިން ކޮށްފައިވާ 174 ދިރާސާއެއްގެ ނަޖީތާއް ބަލައި ހޯދިހޯދުންތަކުން އެނގުނު ގޮތުގައި ހަފުތާއަކު އެންމެ ގަދަ އަށް ކަސްރަތުކުރާ މީހުން ނުވަތަ ހަރަކާތްތެރިވުމުގެ ސަބަބުން ކަސްރަތުގެ ފައިދާކުރާ މީހުންނަށް ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިރުޝާދު ދީފައިވާ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ހަފުތާއެއްގެ މައްޗަށް މީހަކަށް 600 މެޓަބޮލިކް އިކްވިލަންޓް މިނެޓް (އެމްއީޓީ މިނެޓް) ގެ ކަސްރަތު މަދުވެގެން ބޭނުންވެ އެވެ. ނަމަވެސް ބަލިތަކުން ސަލާމަތްވުމަށް އެދޭ ނަމަ އެ އަދަދު ގާތްގަނޑަކަށް 3000 އާއި 4000 އެމްއީޓީ މިނެޓްސް އަށް ޖައްސަން ޖެހެ އެވެ.

އެމްއީޓީ މިނެޓްސް އަކީ އާދައިގެ ވަގުތުގައި ގުނާ މިނެޓެއް ނޫނެވެ. އެއީ ކުރާ މަސައްކަތެއް ނުވަތަ ކަސްރަތެއްގައި ހުރި ވަރެއް މިނާ ވަރެކެވެ. އެކި ކަސްރަތުގައި މި ވެލިއުގެ އަދަދު ވެސް ތަފާތުވެ އެވެ.

މިސާލަކަށް ޖޮގިން އަށް ބަލަނީ ނަމަ އޭގެ އެމްއީޓީ ވެލިއު އަކީ ހަތެކެވެ. އެހެންވީމަ ބައިގަޑިއިރުގެ ޖޮގިން އަކީ 210 އެމްއީޓީ މިނެޓްސް އެވެ. މި ރޭޓުން ދާ ނަމަ ބަލިތަކުން ސަލާމަތްވުމަށް ބޭނުންވާ އަދަދަށް ކަސްރަތުކުރުމަކީ ހިތްވަރެއް ހުރެއްޖެ ނަމަ އެއްވެސް ކަމެއް ނޫނެވެ.