ރާއްޖެ ކުޅިވަރު

"މިއީ ކުޅުންތެރިންގެ ކޯޗެއް، ފުރުސަތު ދޭނީ ހުނަރަށް، އުމުރަކަށް ނޫން"

"އަހަރެން މީ ކުޅުންތެރިންގެ ކޯޗެއް."

މީ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ކަމާ ހަވާލުވި އޮސްޓްރޭލިއާގެ ޑާރެން ސްޓެވާޓް، ކުޅުންތެރިންނަށް ފުރުސަތު ދިނުމުގައި ގެންގުޅޭނެ ފިލޯސަފީއާކީ ކޮބައިތޯ ސުވަލުކުރުމުން ދިން ޖަވާބެވެ.

ރާއްޖޭގެ ކުރިން ހުރި ކޯޗް އެންމެ ބޮޑަށް ދެއްކި އެއް ވާހަކަ އަކީ ރާއްޖޭގެ ގައުމީ ޓީމަށް އާ ކުޅުންތެރިން ގެނެސް އާ ޓީމެއް ބިނާ ކުރާ ވާހަކައެވެ. އެ ކަމާ ބެހޭގޮތުން ސުވާލު ކުރުމުން ސްޓެވާޓް ބުނީ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގައި އޭނާ ބަލާނީ ކުޅުންތެރިންގެ އުމުރަކަށް ނޫން ކަމަށެވެ. ކުޅުންތެރިންނަށް ފުރުސަތު ދިނުމުގައި ކުޅުންތެރިންގެ ހުރި ވަކި ކަމަކަމަކަށް ނުބަލައި ފުރުސަތު ދޭނީ ކުޅުންތެރިންގެ ހުނަރަށް ކަމަށެވެ.

"ވަކި ބަޔަކު ދެކޭގޮތް ބަލާކަށް ބޭނުމެއް ނޫން އަހަންނަށް މައްސަލަ އެއް ނެތް 30 އަހަރު ވިޔަސް، 38 އަހަރު ވިޔަސް އެ ކުޅުންތެރިންނަށް ވާދަ ވެރިކަމާއެކު ޕާފޯމް ކުރެވޭ ނަމަ އެހަރެން އެކުޅުންތެރިންނަށް ފުރުސަތު ދޭނަން،" ސްޓެވާޓް ބުންޏެވެ.

"އަހަރެން ފިލޯސަފީއާ އެއްގޮތަށް ޓީމު ބަދަލު ކުރަން މަސައްކަތް ކުރާނަން. އޭގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ ކޮމިޔުނިޓީ އަށާއި އަހަންނަށްވެސް ހިތް ހަމަޖެހުން ލިބޭނެ،" ކަމަށެވެ.

އޭޝިއާގެ ފުޓްބޯޅަ އެނގުމަކީ ޕްލަސް ޕޮއިންޓެއް

ސްޓްވާޓް ވަނީ މީގެ ކުރިން ސިންގަޕޫރު ލީގްގެ ތިން ޓީމަކަށް ކޯޗް ކޮށްދީފައެވެ. އަދި ސިންގަޕޫރުގެ ބެލަސްޓިއާ ކަލްސާ ގޮވައިގެން އޭއެފްސީ ކަޕަށްވެސް އޭނާ ނިކުތެވެ. އޭނާ ބުނީ ސިންގަޕޫރުގެ އިތުރުން މެލޭޝިއާގެ ފުޓްބޯޅައިގައިވެސް މަސައްކަތް ކުރި ކަމަށެވެ. އަދި އޭނާ ވަނީ ތައިލެންޑްގެ ގައުމީ ޓީމުގެ ބައެއް ޓްރެއިނިން ޕްރޮގްރާމްތަކުގައި ބައިވެރިވެފައެވެ.

އެ ތަޖުރިބާ ތަކަށް ބަލާއިރު އޭޝިއާގެ ފުޓްބޯޅައިގެ ތަޖުރިބާ އޭނާގެ ކިބައިގައި ހުރި ކަމަށް ސްޓެވާޓް ގަބޫލު ކުރެއެވެ. ނަމަވެސް ރާއްޖޭގެ ޓާގެޓަކަށް އޮތީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމެވެ. ދެން އޮތީ ދެކުނު އޭޝިއާގެ ފުޓްބޯޅަ އޭނާ އަށް އެނގެނީ ކިހާވަރަކަށް ތޯ އުފެދޭ ސުވާލެވެ.

"ހަގީގަތަށް ބުނަންޏާ ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ ތަޖުރިބާ އެއް އަހަރެން ނުކުރަން. ނަމަވެސް އޭޝިއާގެ ފުޓްބޯޅައިގެ ތަޖުރިބާ އަހަރެންގެ ކިބައިގައި ހުރުމަކީ ޕްލަސް ޕޮއިންޓެއް."

ނަމަވެސް ސްޓެވަޓާ ވަނީ އޭއެފްސީ ކަޕްގައި ދެކުނު އޭޝިއާގެ ބައެއް ކުލަބުތަކާ ދެކޮޅަށް ނުކުމެފައިވާކަން ފަހގަކޮށްފައެވެ. އޭނާ ބުނީ ސިންގަޕޫރާއި ރާއްޖޭގެ ފުޓްބޯޅައިގައި މާ ބޮޑު ތަފާތެއް ނެތް ކަމަށާއި އެއްގޮތް ގިނަ ކަންކަމެއް ހުރި ކަމަށެވެ.