ބަންގުލަދޭޝްއާ ދެކޮޅަށް މިއަންނަ މަހުގެ އެއް ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ބައިނަލްއަގްވާމީ ރަހްމަތްތެރިކަމުގެ މެޗާއި އޭޝިއަން ކަޕް ކޮލިފައިން ބުރުން ޖާގަ ހޯދުމަށް އަންނަ މަހު ހަ ވަނަ ދުވަހު ލާއޯސްއާ ދެކޮޅަށް ކުޅޭ ފުރަތަމަ ލެގް މެޗަށް ތައްޔާރު ވުމުގެ ގޮތުން ގައުމީ ޓީމުގެ ޕްރެކްޓިސް މިމަހު 27 ގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމްއިން ބުނެފިއެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓާ މުހައްމަދު ޝިޔާޒު (މޯހަން) ވިދާޅުވީ ދިވެހި ޕްރިމިއާ ލީގް ގައި މިމަހު 26 ވަނަ ދުވަހު ކުޅޭ މެޗްތަކަށް ފަހު، 27 ވަނަ ދުވަހު ޕްރެކެްޓިސް ފެށުމަށް ތައްޔާރު ވަމުންދާ ކަމަށެވެ.
މޯހަން ވިދާޅުވީ ބަންގާޅު މެޗަށާއި ލާއޯސް މެޗަށް އެކުލަވާލާ ގައުމީ ސްކޮޑްވެސް އެހާހިސާބުގައި އިއުލާން ކުރާނެ ކަމަށެވެ.
ގައުމީ ޓީމްގެ އާ ކޯޗް ޑާރެން ސްޓެވާޓް ވަނީ ލާއޯސް މެޗަށް އެކުލަވައިލާ ސްކޮޑް އެކުލަވާލުމުގައި އެފްއޭއެމްގެ ޓެކްނިކަލް ކޮމިޓީގެ އެހީތެރިކަން ހޯދާނެ ކަމަށް ބުނެފައެވެ.
އޭނާ ބުނީ ޕްރެކްޓިސް ޝެޝަންތައް ރަނގަޅަށް ކުރިއަށް ގެންދެވިއްޖެނަމަ ފަރަިތަ ކުރުންތައް ކުރިއަށް ގެންދަން ކުޑަ ދުވަސް ކޮޅެއް ލިބުމަކީ މައްސަލައެއް ނޫން ކަމަށެވެ.
އޭޝިއަން ކަޕް ކޮލިފައިންއިން ޖާގަ ހޯދުމަށް ރާއްޖެއިން ކުޅު ދެ ވަނަ ބުރުގެ މެޗްގައި ޔަމަނާ ދެކޮޅަށް ކުޅުނު ދެ މެޗުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ. އެ ދެމެޗުން ރާއްޖެ މޮޅުވިނަމަ ކޮލިފައިން ބުރުން ރައްޖެއަށް ޖާގަ ލިބޭނެއެވެ. ނަމަވެސް ޕްރީ ކޮލިފައިންގެ ތިން ވަނަ ބުރުގައި ލާއޯސްއާ ވާދަ ކުރަން ޖެހުނީ ޔަމަން އަތުން ބަލިވުމުންނެވެ.
އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޯމް) ވިދާޅުވީ ލާއޯސް މެޗާ މެދު އެފްއޭއެމްއިން ދެކެނީ "ކޮންމެހެން މޮޅުވަންޖެހޭ މެޗެއް" ގެ ދަރަޖައިގައި ކަމަށެވެ.
ލާއޯސްއާ ދެކޮޅަށް ފުރަތަމަ ލެގް މެޗް މާލޭގައި ކުޅުމަށްފަހު ދެ ވަނަ ލެގް މެޗް އޮކްޓޯބަރު މަހު 11 ވަނަ ދުވަހު އޮންނާނީ ލާއޯސްގައެވެ.
"އަހަންނަށް އެނގޭ ލާއޯސްއާ ދެކޮޅަށް ކުޅޭ މި ދެމެޗަކީ ރައްޖެއަށް ކިހާ މުހިންމު ދެ މެޗްކަން. ޕްލޭންއާ މެދު ވިސްނާނީ އެއަށްފަހު" ސްޓެވާޓް ބުނެފައިވެއެވެ.
ލާއޯސްއާ ދެކޮޅަށް ފުރަތަމަ ލެގް މެޗް މާލޭގައި ކުޅުމަށްފަހު ދެ ވަނަ ލެގް މެޗް އޮކްޓޯބަރު މަހު 11 ވަނަ ދުވަހު އޮންނާނީ ލާއޯސްގައެވެ.