އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓް ގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކުރި ހޯދައި ލީގުގެ އެންމެ ފުލުގައި އޮތް ބީޖީ ސްޕޯޓްސް އިން ރެލިގޭޝަނާ ދުރަށް ޖެހިލައިފިއެވެ.
މެޗަށް ނިކުތުމުގެ ކުރިން ހަތަރު ޕޮއިންޓާއެކު ލީގުގެ އެންމެ ފުލުގައި އޮތް ބީޖީ މި މެޗުން މޮޅުވުމުން ވަނީ ހަތް ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނަ އަށް އަރައިފައެވެ. އަދި ކުރިން ހަތް ވަނައިގައި އޮތް، ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ވިކްޓްރީ ސްޕޯޓްސް ކުލަބު ވަނީ އަށް ޓީމު ވަދަ ކުރާ ލީގްގެ ތާވަލުގެ ފުލަށް ވެއްޓިފައެވެ.
ލީގުގެ މިހާރު ގަވާއިދު އޮންނަ ގޮތުން ލީގްގެ އެންމެ ފުލަށް ދާ ޓީމު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވާނީއެވެ. ހަތް ވަނަ އަށް ދާ ޓީމު ޖެހޭނީ ދެ ވަނަ ޑިވިޝަންގެ ރަނަރަފް ޓީމާއެކު ރެލިގޭޝަންގެ ޕްލޭއޮފް ކުޅޭށެވެ.
މިދިޔަ އަހަރު ހަތް ވަނައިގައި ނިންމާލި ބީޖީން ފުރަތަމަ ޑިވިޝަންގައި ދެމިއޮތީ ޕްލޭއޮފް ކުޅޭ ޕްލޭއޮފް މެޗުން މޮޅުވުމުންނެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މިއަދު ހަވީރު ކުޅުނު މެޗްގައި ބީޖީގެ ދެ ލަނޑުވެސް ފެނިގެން ދިޔައީ މެޗްގެ ދެ ވަނަ ހާފުގައެވެ.
ފުރަތަމަ ލަނޑު މެޗްގެ 72 ވަނަ މިނެޓްގައި ބީޖީގެ ޑޭވިޑް އޮސްޖީ ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ މުހައްމަދު ސާބިގްއެވެ.
ދެ ވަނަ ލަނޑު އޭގެ ހަތް މިނެޓް ފަހުން އިބްރާހިމް ޝިޔާމް (ދޮނާ) ކާމިޔާބު ކުރީ ބީޖީގެ ކެޕްޓަން ޑެނިއަލް ފިލޮމޮން ފޮނުވާލަން އުޅުނު ހަމަލާ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ނިއުގެ ޑިފެންޑަރުންނަށް ހެދުނު މިސްޓޭކެއްގައި ދޫވި ބޯޅަ ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.
ދެ ވަނަ ހާފުގައި މި ނޫނަސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ބީޖީއިން ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން މެޗްގެ 59 ވަނަ މިނެޓްގައި ޑެނިއަލް ފޮނުވާލި ހަމަލާ ގޯލް ތެރެއަށް ވަދެވަދެ އޮތްވައި ނިއުގެ ގޯލްކީޕަރު ޖަޕާނުގެ ޖުން ކޮޗީ ވަނީ ދިފާއުކޮށްފައެވެ.
މެޗްގައި ނިއުގެ ފަރާތުންވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފައެވެ. މިގޮތުން ފުރަތަމަ ހާފުގައި މުހައްމަދު މުސްލިހަށް ބީޖީގެ ޕެނަލްޓީ އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ ބީޖީގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައެވެ.
ލީގްގައި މިރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ ތާވަލުގެ ހަތަރު ވަނައިގައި އޮތްވެލެންސިއާ އާ ވިކްޓްރީއެވެ. އެވެ. މިރޭގެ މެޗުން މޮޅުވެގެން ވިކްޓްރީއަށް އަލުން ތާވަލުގެ ހަތް ވަނަ އަށް އެރޭނެއެވެ.