ގެސްޓް ހައުސް ވިޔަފާރި

ގެސްޓް ހައުސް ކޮންފަރެންސްގެ ޓައިޓަލް ސްޕޮންސަރަކަށް ބީއެމްއެލް

Aug 18, 2016

ގެސްޓް ހައުސް މޯލްޑިވްސް ކޮންފަރެންސްގެ ޓައިޓަލް ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް) ހަމަޖައްސައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ގައުމީ ބޭންކް، ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އެންޑްރޫ ހީލީ އެވެ. ގެސްޓް ހައުސް ބާއްވާ ގެޓް އަވޭސްގެ ފަރާތުން ސޮއި ކުރެއްވީ ޑައިރެކްޓަރު ބިޒްނަސް ޑިވްލޮޕްމަންޓް ޑރ. ހުސެއިން ސަނީ އުމަރު އެވެ.

މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ މި ކޮންފަރެންސުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް އުފަލެއް ކަމަށާއި، ރާއްޖޭގައި ފުޅާވަމުން އަންނަ ގެސްޓް ހައުސް މާކެޓަށް އެހީތެރިކަން ދިނުމަކީވެސް އުފަލެއް ކަމަށެވެ.

ގެސްޓް ހައުސް ކޮންފަރެންސްގެ ޓައިޓަލް ސްޕޮންސާއަކަށް ބީއެމްއެލް ހަމަޖެހުމާ ގުޅިގެން ކޮންފަރެންސުގެ ނަން ވަނީ "ބީއެމްއެލް ގެސްޓް ހައުސް ކޮންފަރެންސަށް" ބަދަލުވެފަ އެވެ.

އަންނަ މަހުގެ 24 ވަނަ ދުވަހު ދަރުބާރުގޭގައި ބާއްވާ "ބީއެމްއެލް ގެސްޓް ހައުސް މޯލްޑިވްސް ކޮންފަރެންސް" އަކީ ގެސްޓް ހައުސް ވިޔަފާރީގައި ހަރަކާތެރިވާ ފަރާތްތައް އެއް ފުރާޅެއްގެ ދަށަށް ގެނެސް މި ދާއިރާގައި ހުރި މައްސަލަތަކާއި މެދު މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި 150 ގެސްޓް ހައުސް ވެރިން ބައިވެރިވާއިރު، މި ކޮންފަރެންސުގައި ގެސްޓް ހައުސް ވިޔަފާރިއަށް ހިދުމަތްދޭ ފަރާތްތަކުން ވެސް ބައިވެރިވާނެ އެވެ.

ގެސްޓް ހައުސް ކޮންފަރެންސުގެ އެންޑޯސްމަންޓް ޕާޓްނަރުގެ ގޮތުގައި ހިމެނެނީ ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާ (ޔޫއެންޑަބްލިއުޓީއޯ) އާއި މަރުކަޒީ ބޭންކް (އެމްއެމްއޭ) އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ވެސް ބައިވެރިވެފައިވެ އެވެ.

މި ކޮންފަރެންސުގައި މައުލޫމާތު ދިނުމުގެ ގޮތުން ދުނިޔޭގެ މަޝްހޫރު ފަރާތްތަކުން ވެސް ބައިވެރިވާނެ އެވެ. މީގެ ތެރޭގައި އެންމެ ފާހަގަ ކުރެވޭ އެއް ފަރާތަކީ މަޝްހޫރު އޮންލައިން ބުކިން ވެބްސައިޓް "ބުކިން ޑޮޓްކޮމް" އެވެ.