ދަނގެތި

އެންޓަނާގެ މައްސަލަ ދަނގެތީގެ ކަންބޮޑުވުމެއް!

Apr 12, 2022

އދ. ދަނގެތީގެ ގެސްޓްހައުސްތައް އެންމެ ގިނަ ސަރަހައްދުގައި ޓީވީއެމްގެ އެންޓަނާއެއް ޖަހަމުންދާތީ ޓޫރިސްޓުންގެ ޝަކުވާ ގިނަވެ، ގެސްޓްހައުސް ތަކުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

ރާއްޖޭގައި އެންމެ ހަލުވިކޮށް ގެސްޓްހައުސް ވިޔަފާރި ކުރިއަރަމުންދާ އދ. ދަނގެތީގެ ގެސްޓްހައުސްތައް ހުންނަ ސަރަހައްދުގައި އެންޓަނާ ޖަހަމުންދާ މައްސަލާގައި އެ ރަށުގައި ހުރިހާ ގެސްޓްހައުސްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް 2019 ވަނަ އަހަރު ޕެޓިޝަނެއް ވެސް ހުށަހަޅާފަ އެވެ.

އަވަސް އަށް މި ޕެޓިޝަންގެ ކޮޕީއެއް ލިބިފައިވެ އެވެ. އެ ޕެޓިޝަންގައި އެ ރަށުގައި ގެސްޓްހައުސް ހިންގާ ގާތްގަނޑަކަށް ހުރިހާ ފަރާތްތަކުން ސޮއިކޮށްފައިވެ އެވެ. ނަމަވެސް އެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. މި އެންޓަނާ ޖެހުމަށްޓަކައި ވަޑައި ފެންސު ޖެހުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. ނަމަވެސް މި ކަމަކީ ދަނގެތީގެ ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކުން ކަންބޮޑުވުން އޮތް ކަމެކެވެ.

ދަނގެތީ ގެސްޓްހައުސް ހިންގާ ފަރާތެއް ނަން ނުޖެހުމަށް އެދި ވިދާޅުވި ގޮތުގައި މިހާރު ވެސް ގެސްްޓްހައުސް ހިންގާ ސަރަހައްދާ ކައިރީގައި އެންޓަނާއެއް ހުރިއިރު ހަމަ އެ ސަރަހައްދުގައި ޓީވީގެ އިތުރު އެންޓަނާއެއް ޖަހަމުންދާ ކަމަށެވެ. އަދި މިހާރު ހުރި އެންޓަނާގެ ސަބަބުން ވެސް އެ ރަށުގެ ރިވިއު ހަޑިވެފައިވާއިރު އިތުރު އެންޓަނާއެއް ޖަހައިފިނަމަ ބޮޑު ގެއްލުމެއް ގެސްޓްހައުސް ވިޔަފާރި އަށް ވާނެ ކަމަށް ބެލެވެ އެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުން ގެސްޓުން މި އަންނަނީ އައިލެންޑް ލައިފް އެކްސްޕީރިއަންސްކޮށްލަން. އަންނައިރު ނުކުންނަ ގެސްޓްހައުސް ބުޑުގަ މި އިންނަނީ ދިގު އެންޓަނާއެއް. މި އަންނަނީ އެކި ފާޑުފާޑުގެ މީހުން އައިސް ޝަކުވާ އެބަ ކުރޭ އެންޓަނާތަކާ ހެދި،" ނަން ނުޖެހުމަށް އެދި ބުންޏެވެ.

އެހެން ގެސްޓްހައުސްއެއްގެ ވެރިއަކު ބުނި ގޮތުގައި ރަށުގައި އެންޓަނާ ޖަހަނާނެ ޖާގަ އޮތްއިރު ގެސްޓްހައުސްތަކުގެ ކައިރީގައި ޓީވީ އެންޓަނާއެއް ޖަހަން ޖެހޭ ސަބަބެއް ނެތެވެ.

"ރަށުގަ ޖާގަ ނެތީއެއް ނޫން. ގެސްޓްހައުސް ތަކާ ދުރުގައި ވެސް އެންޓަނާ ޖެހޭނެ. އެހެންވެ މިއީ ބޮޑު މައްސަލައެއް. މީގެ ސަބަބުން ހަލުވިކޮށް ގެސްޓްހައުސް ވިޔަފާރި ކުރިއަރާ މިރަށަށް ބޮޑު ގެއްލުމެއް ވާނެ،" ގެސްޓްހައުސްގެ ވެރިޔާ ބުންޏެވެ.

ދަނގެތީގައި 15 ގެސްޓްހައުސްއެއް ހިންގަމުންދާއިރު މި ރަށަކީ ހަލުވިކަމާއެކު މި ވިޔަފާރި ކުރިއަރަމުންދާ ރަަށެވެ.