ދި ޓްރެވަލް ގާއިޒް އިން އިންތިޒާމްކޮށްގެން ބާއްވާ "ދިރާގު ރަށު އެކްސްޕޯ" މިއަދު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެށުމަށް ހަމަޖެހިއްޖެ އެވެ.
މި އެކްސްޕޯގެ މަގުސަދަކީ، ލޯކަލް ޓޫރިޒަމް ޕްރޮމޯޓްކުރުމަށް، ރަށު ކައުންސިލްތަކާ ގެސްޓްހައުސް ހިންގާ ފަރާތްތައް އެއް ތަނަކަށް ގެނެސްދީ، މައުލޫމާތާއި ތަޖުރިބާ ހިއްސާކުރެވޭނެ ހާއްސަ ޕްލެޓްފޯމެއް ގާއިމްކޮށްދިނުމެވެ. އަދި، އެކި ރަށްރަށުގެ ތަފާތު ރީތިކަމާއި ސަގާފަތަށް ސަމާލުކަން ގެނެސްދީ، އެ ކަންކަން ދައްކާލުމުގެ ފުރުސަތު ހޯދައިދީ، ޑޮމެސްޓިކް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް އެހީތެރިވެ ދިނުމެވެ.
މި ކަމާ ގުޅޭ ގޮތުން ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުޙައްމަދު މިރުޝާން ހަސަން ވިދާޅުވީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ފުރަތަމަ އެކްސްޕޯގެ ޓައިޓަލް ޕާޓްނަރަށްވުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.
"މި އެކްސްޕޯގެ އެހީގައި، ލޯކަލް ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އެހީތެރިވެދީ، އަޅުގަނޑުމެންގެ ރާއްޖޭގެ ރީތިކަމާއި ސަގާފަތް ދައްކާލަން ފުރުސަތު ލިބި، ރަށްރަށުގައި ޓޫރިޒަމްގެ ވިޔަފާރިކުރާ ފަރާތްތަކާ އާންމުންނާ ގުޅުވައިދެވިގެންދާނެ،" މިރުޝާން ވިދާޅުވި އެވެ.
ދިރާގު ރަށު އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 އިން 15 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
ދިރާގަކީ ލޯކަލް ޓޫރިޒަމް ހިންގާ ފަރާތްތައް ބާރުވެރިކުރުމަށް ހިންގާ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެ، ޑޮމެސްޓިކް ޓޫރިޒަމް ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.