އޭޝިއަން ކަޕް ކޮލިފައިން ބުރުން ޖާގަ ހޯދުމަށް ރާއްޖެއާ ދެކޮޅަށް ކުޅޭ ޕްލޭއޮފް މެޗަށް ތައްޔާރުވުމުގެ ގޮތުން ލާއޯސްއިން ސައުދީ އަރަބިއްޔާއާ އެކު ބައިނަލްއަގްވާމީ ދެ މެޗް ކުޅުމަށް ހަމަޖައްސައިފި އެވެ.
ފުރަތަމަ މެޗް މި އަންނަ ބުދަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު ދެ ވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.
މި ދެ މެޗްވެސް ކުޅޭނީ ގަތަރުގެ ދޯހާގެ އަލްއަރަބީ ސްޓޭޑިއަމްގަ އެވެ.
މި ދެމެޗްގެ އިތުރަށް ގަތަރުގައި ޓްރެއިނިން ކޭމެޕެއް ކުރިއަށް ގެންދިއުމަށް ވެސް ލާއޯސްއިން ވަނީ ހަމަޖައްސާފައެވެ. ލާއޯސް ޓީމު މިއަދު ގަތަރަށް ދާނެ އެވެ.
އޭޝިއަން ކަޕް ކޮލިފައިންގެ ޕްލޭއޮފް މެޗްގައި ރާއްޖެއާ ލާއޯސް ބައްދަލު ކުރާ ފުރަތަމަ ލެގް މެޗް މިއަންނަ މަހު ހަ ވަނަ ދުވަހު އޮންނާނީ ރާއްޖޭގަ އެވެ.
ދިވެހި ޓީމުވެސް ވަނީ ލާއޯސްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ބަނގުލަދޭޝް އާއި މާލޭގައި މެޗެއް ކުޅުމަށް ވަނީ ހަމަޖައްސާފައެވެ. މި މެޗް އޮންނާނީ އަންނަ މަހު އެކެއްގަ އެވެ.