ހައްޖުގެ އަޅުކަން

އިތުރު ފައިސާއެއް ނުނަގަން، ހަދުޔު ކަތިލައިދެނީ ހިލޭ: ހަރަމައިން

ހައްޖަށް މީހުން ގެންދަން ހަރަމައިން ކުންފުނިން އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅި ޕްރޮޕޯސަލްގައިވާ އަދަދަށްވުރެ އިތުރަށް ހައްޖުވެރިންގެ އަތުން ފައިސާ ނަގަން ނިންމާފައިނުވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ. އެ ކުންފުނީގެ ހަވާލުގައި ވެސް މި އަހަރު 200 މީހުން ހައްޖަށްދެ އެވެ.

ހަރަމައިން ކުންފުނިން ހައްޖަށްދާ މީޙުންގެ އަތުން އިތުރަށް ފައިސާ ނަގަމުންދާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެ ރިޕޯޓްތައް ބުނާ ގޮތުން ހަރަމައިނި ގްރޫޕުން އިތުރަށް ފައިސާ ނަގަނީ މިނިސްޓްރީއަށް ހުށަހެޅި ޕްރޮޕޯސަލްގައި ނުހިމެނޭ ހަދުޔު ކަތިލުމުގެ ހަރަދެވެ. އެއީ ކިހާ ފައިސާއެއް ކަމެއް ނުބުނެ އެވެ.

ހަރަމައިނު ގްރޫޕް އެމްޑީ ޔައުގޫބު ހުސެއިން ޔޫސުފް މިއަދު ވިދާޅުވީ، ހައްޖުވެރިންގެ އަތުން އިތުރަށް އެއްވެސް ފައިސާއެއް އެ ކުންފުނިން ނުނަގާ ކަމަށެވެ. އަދި ހަދުޔު ކަތިލުމަކީ ޕްރޮޕޯސަލްގައި ހިމަނާފައިވާ ކަމެއް ނޫން ކަމަށެވެ. އޭނާ އަދި ވިދާޅުވީ އެކަމަށް ވެސް ފައިސާއެއް ނުނަގާ ކަމަށާއި އެ ޖަމާއަތުގެ ހަވާލުގައި ހައްޖަށްދާ މީހުނަނަށް ދޭ ހިދުމަތެއްގެ ގޮތުގައި ހަދުޔު ކަތިލައި ދިނުމުގެ އަގު ދައްކާނީ ޖަމާއަތުން ކަމަށެވެ. އެ ކުންފުނީގެ ހަދުޔު ކަތިލައިދޭނީ ހަދިޔާއެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުންފުނިން ސްޕޮންސާކޮށްގެން، އަޅުގަނޑުމެން ދޭ ހިދުމަތެއްގެ ގޮތުގައި ހަދުޔު ކަތިލުމުގެ ކަންތައްތައް ކުރުމަށް ހަމަޖެހިފައިވަނީ، ހައްޖަށްދާ މީހުންގެ އަތުން އެއްޗެއް ނުނަގާނެ، އިސްލާމިކް މިނިސްޓްރީގެ ހައްޖު މިޝަނުން ހަދުޔު ކަތިލުމުގެ ކަންތައްތައް ކުރަނީ، އެ ފަރާތާ ފައިސާ ހަވާލުކޮށްގެން އެކަން ކުރިއަށް ގެެންދާނީ،" ޔައުގޫބު ވިދާޅުވި އެވެ.

ހަރަމައިން ކުންފުންޏަކީ މީހުން ހައްޖަށް ގެންދިޔުމުގެ މަސައްކަތް އަލަން ފެށި ކުންފުންޏެކެވެ. ޔައުގޫބު ވިދާޅުވީ ކުންފުނިން ބަލަނީ ވީހާވެސް ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ހޮޓާ ވެސް ހުންނާނީ [ހަރަމްފުޅާ] ވަރަށް ކައިރީގައި، އެ ހޮޓާގެ ތިރީގައި ހައްޖު މިޝަންގެ ބޭފުޅުން ވެސް ތިއްބަވަނީ، އެހެންކަމުން އެއީ ފެންވަރު ރަނގަޅު ހޮޓެލެއްކަން އެބަ އެނގޭ، މަދީނާގައި ހިފާފައިވާ ހޮޓެލަކީ ވެސް ފަސް ތަރީގެ ހޮޓެލެއް، މިނާ އާއި އަރާފާތުގެ ކަންކަން ވެސް ވަރަށް ފުރިހަމައަށް އިންތިޒާމްކުރެވިފައިވަނީ،" ޔައުގޫބު ވިދާޅުވި އެވެ.

ހަރަމައިން ކުންފުނިން ދެ އަގެއްގައި މީހުން ހައްޖަށް ގެންގޮސްދެ އެވެ. އެއީ އިކޮނޮމިކް ޕެކޭޖްގައި 57،999ރ. އަށެވެ. އަދި ބިޒްނަސް ޕެކޭޖްގައި 65،000ރ. އަށެވެ. އެ ކުންފުނީގެ ފުރަތަމަ ފްލައިޓް މިއަދު ހެނދުނު ވަނީ ފުރާފަ އެވެ. މިއަދު ހަވީރު ދެވަނަ ފްލައިޓް ފުރާއިރު މާދަމާ ހެނދުނު ތިންވަނަ ފްލައިޓް ފުރާނެ އެވެ.

މީގެކުރިން އޭކްރޯ ކުންފުނީގެ ހަވާލުގައި ހައްޖަށްދާ މީހުންގެ އަތުން އިތުރަށް ފައިސާ ނަގާ ވާހަކަ ވެސް މީޑިއާގައި ރިޕޯޓްކޮށްފައި ވެއެވެ. އެ ކުންފުނިން ވެސް އިތުރަށް ފައިސާ ނަގާފައެއް ނުވެ އެވެ. ނަމަވެސް ޕްރޮޕޯސަލްގައިވާ ކަންކަން އިންތިޒާމްކޮށްފައިވާ ގޮތާ ހިލާފަށް ބައެއް ކަންކަން އެ ކުންފުނިން ވަނީ ހަމަޖައްސާފަ އެވެ. އެހެން ވެއްޖެނަމަ އާންމު ކުރަންޖެހޭ ނޫސްބަޔާން އެ ކުންފުނިން ވަނީ އާންމު ވެސް ކޮށްފަ އެވެ.

ޕްރޮޕޯސަލްގައިވާ ގޮތާ ހިލާފުވެއްޖެ އިސްލާމިކް މިނިސްޓްރީން ފިޔަވަޅު އަޅަ އެވެ. އަދި އެގޮތާ ހިލާފުވެ އެހެން ގޮތަށް އިންތިޒާމްތައް ހަމަޖައްސަން ޖެހިއްޖެނަމަ އެކަން ނޫސް ބަޔާނެއްގެ ޒަރިއްޔާއިން އާންމުކުރަން ޖެހެ އެވެ. އެހެންނޫންނަމަ 50،000ރ. އިން ޖޫރިމަނާވާނެ އެވެ.