މެޗަށް ނިކުތް އިރު ތާވަލުގެ ފުލުގައި އޮތް ވިކްޓްރީން ބީޖީގެ މައްޗަށް 3-2 ގެ ނަތީޖާ އަކުން ކުރި ހޯދައި ރެލިގޭޝަން ޒޯން ފަހަނައަޅައި ދިއުމުގެ އުންމީދު އާ ކޮށްފިއެވެ.
ލީގްގެ އެހެން މެޗްތަކާ ހިލާފަށް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗްގައި ވިކްޓްރީގެ ފުރަތަމަ ލަނޑު މެޗް ފެށިގެން ދެ ވަނަ މިނެޓްގައި ކާމިޔާބު ކުރީ އޮމަޑޫ ވެސްޓްއެވެ.
ވިކްޓރީގެ ދެ ވަނަ ލަނޑު ރިޝްވާން ކާމިޔާބު ކުރީ މެޗްގައި މޮޅު ކުޅުމެއް ދެއްކި ވިކްޓްރީގެ ކެޕްޓަން ރިލުވާން ވަހީދު (ރިލޭ) ތަނަވަސްކޮށްދިން ހިތްގައިމު ބޯޅަ އަކުންނެވެ.
ވިކްޓްރީގެ ލަނޑަށްފަހު ބީޖީގެ ޑެނިއަލް ފިލޮމެންއަށް ވަނީ ލަނޑު ޖާހާޏެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅަ ވިކްޓްރީގެ ކީޕަރު އިބްރާހިމް އިފްރާހް ވަނީ ދިފާއުކޮށްފައެވެ.
ބީޖީގެ ލަނޑު ކާމިޔާބު ކުރީ ޑޭވިޑްއެވެ. އޭނާ މިލަނޑު ކާމިޔާބު ކުރީ ބީޖީގެ ކުޅުންތެރިން އުފެއްދި ހަމަލާއެއް ވިކްޓްރީގެ ކުޅުންތެރިން ދިފާއު ކުރުމުން ނިކުތް ބޯޅަ އެއްފަހަރުން ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.
ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ވިކްޓްރީގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ވިކްޓްރީގެ ޑިފެންޑަރު އެންތޮނީ ފިލިޕޭއެވެ.
މެޗްގެ ދެ ވަނަ ހާފުގައި ބީޖީއަށް ވުރެ ގިނަ ފުރުސަތުތައް ލިބުނީ ވިކްޓރީއަށެވެ. އެގޮތުން ރިލޭ އަށް ވަނީ ލަނޑު ޖަހަން ތިން ފުރުސަތެއް ލިބިގެންގޮސްފައެވެ. އަދި ރިޝްވާން ކީޕަރު ނައްޓާފައި ހުހަށް އޮތް ގޯލަށް ޖަހަން ފުރުސަތެއް ލިބުނު ނަމަވެސް އެ ބޯޅަ ގޯލަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.
ބީޖީގެ ދެ ވަނަ ލަނޑަކީ ކާމިޔާބު ކުރީ އިބްރާހިމް ޝިޔާމް (ދޮނާ) އަށް ވިކްޓރީގެ ކީޕަރު އިފްރާހް ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލެއްގައި ލިބުނު ޕެނަލްޓީ އެއްގައެވެ. ރެފްރީ ޕެނަލްޓީ ދެއްކުމުން އެކަމާ ހިތްހަމަ ނުޖެހޭކަން އިފްރާހް ފާޅު ކުރުމުން ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. އިފްރާހްއަށް ރަތް ކާޑު ދެއްކުމުން ބަދަލުގައި ކުޅެން އެރި ދެ ވަނަ ކީޕަރު ތޮލާލް ހަސަން ދަނޑަށް ނިކުތީ ޝާތިރުގެ ބަދަލުގައެވެ.
ޕެނަލްޓީ ކާމިޔާބުކޮށް ބީޖީއަށް ނަތީޖާގެ ފަރަގު ކުޑަ ކޮށްދިނީ ޑެނިއަލް އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ވިކްޓްރީ ހަތް ވަނައިގައި އޮތީ ނުވަ ޕޮއިންޓް ހޯދައިގެންނެވެ. މި މެޗުން ބަލިވުމުން ބީޖީ ފުލަށް ވެއްޓުމުން އެޓީމަށް ވަނީ ރެލިގޭޓް ވެދާނެ ކަމުގެ ބިރު އަނެއްކާވެސް ކުރިމަތި ވެފައެވެ. އެޓީމަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ.
މެޗަށް ފަހު މެޗާ ބެހޭގޮތުން ކޯޗުން ދެކޭގޮތް ހާމަ ކުރުމަށް، ބާއްވަން ޖެހޭ ޕޯސްޓް މެޗް ޕްރެސްކޮންފަރެންސް މި މެޗަށްފަހުވެސް ބާއްވާފައެއް ނުވެއެވެ.
ލީގްގައި މިރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ ވެލެންސިއާ ނިއުރޭޑިއަންޓެވެ.