ބޮލީވުޑް

އަރިޖިތް ސިންގް ސަލްމާންގެ "ޓިއުބްލައިޓް" ގެ ލަވައެއް ކިޔަނީ؟

Aug 22, 2016

ސުޕަސްޓާ ސަލްމާން ޚާން އާއި މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖިތް ސިންގްގެ ދެމެދުގައި ފިނި ހަނގުރާމެއް ކުރިއަށްދާތާ ދެއަހަރެއްހާ ދުވަސްވެއްޖެ އެވެ.

މިދެތަރިންގެ ދެމެދުގައި ވަރުގަދަ ފިނި ހަނގުރާމައެއް ފެށިގެން ގޮސްފައިވަނީ 2014 ވަނަ އަހަރު އޮތް އެވޯޑް ހަފްލާއެއްގައި ސަލްމާނާ މުޚާތަބުކޮށް އަރިޖިތް އަށް ބުނެވުނު އެއްޗަކުންނެވެ. އެކަމާ ސަލްމާން ހިތްހަމަނުޖެހިގެން އޭނާ ކުޅޭ އެއްވެސް ފިލްމަކަށް ލަވަކިޔުމުގެ ފުރުސަތު އަރިޖިތް އަށް ދީފައިނުވާއިރު، ސަލްމާންގެ އެންމެފަހުން ރިލީޒްވި ފިލްމު "ސުލްތާން" އަށް އޭނާ ކިޔައިދިން ލަވަ ވެސް ވަނީ އެފިލްމުގައި ނުހިމަނައި އެލަވަ އަލުން ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ ރާހަތު ފާތިހު އަލީ ޚާން ލައްވާ ކިޔުއްވައި ފިލްމުގައި ހިމަނާފަ އެވެ.

ނަމަވެސް މިދެތަރިން ވަނީ ދެމީހުންގެ ދެމެދުގައި އޮތް ދެއަހަރުވީ ފިނި ހަނގުރާމަ ނިންމާލާފައި ކަމަށްވެ އެވެ. އެގޮތުން ސަލްމާން މިހާރު ކުޅެމުން އަންނަ ޑައިރެކްޓަރު ކަބީރް ޚާންގެ "ޓިއުބްލައިޓް" އަށް އަރިޖިތްގެ އަޑުން ލަވައެއް ކިޔާއިދޭނެ ކަމަށް އޭނާ މިވަނީ ބުނެފަ އެވެ.

ސަލްމާން އެކަނި ފެނިގެންދާ މިލަވަ އަރިޖިތް ކިޔާކަން ޔަގީންކޮށްދެމުން މިފަހުން އޭނާ ވަނީ މިފަހަކުން ދެން އޭނާ ދުވަހަކުވެސް ސަލްމާން އުޅޭ ފިލްމަކަށް ލަވައެއް ނުކިޔަދޭނެކަމުގެ އަޑުތަކެއްވެސް އެރި ކަމަށާއި ނަމަވެސް އެވާހަކަތަކަކީ ދޮގެއް ކަމަށް ބުނެފަ އެވެ. އޭނާ އަކީ ސަލްމާންފެ ވަރަށް ބޮޑު ފޭނެއް ކަމަށް ބުނަމުން އަރިޖިތް ވަނީ އެފަދަ ވާހަކަތައް ދައްކަން އޭނާއަކީ ކާކުތޯ ބުނެފަ އެވެ.

"ވީކަމެއް ވެފަ އެއޮތީ، މާޒީގެ ވާހަކަނުދައްކައި ކުރިއަށް ދެވޭތޯ ބެލިއްޔާ މާރަނގަޅުވާނެ" ސަލްމާނާ ދެމެދު ޖެހުނު މައްސަލަތަކާ ގުޅިގެން އަރިޖިތް ބުންޏެވެ.

މިފިލްމަށް އަރިޖިތް ލަވައެއް ކިޔާކަން އަދި ފިލްމު އުފައްދާ ފަރާތުން ޔަގީންކޮށްދީފައެއް ނުވެ އެވެ.

"ސުލްތާން" އަށް އަރިޖިތް ކިޔައިދީފައިވާ ޖަގް ގޫމިޔާ ލަވަ އެފިލްމުން އުނިކުރިކަން އެނގުމުން އަރިޖިތް ވަނީ ސަލްމާން ކިބައިން މާފަށް އެދެމުން، އޭނާ މިފިލްމަށް ކިޔާއިދީފައިވާ ލަވަ ފިލްމުގައި ހިމެނުމަށް އެދި އާދޭސްކޮށްފަ އެވެ.

އަރިޖިތްގެ އޮފިޝަލް ފޭސްބުކް ޕޭޖްގައި ލިޔުނު ސެޓޭޓަސްގައި އޭނާ ވަނީ ސަލްމާނަށް ގުޅަން މަސައްކަތްކުރުމުގެ އިތުރުން މެސެޖުކުރި ނަމަވެސް ޖަވާބުދީފައިނުވާ ކަމަށާއި މިފަހުން ވެސް ސަލްމާން އެކި ހަފްލާތަކުންނާއި އިވެންޓްތަކުން ދިމާވުމުން މާފަށް އެދުނު ނަމަވެސް އެކަމަށް ސަލްމާން އިންކާރުކޮށްފައިވާ ކަމަށް ބުނެފަ އެވެ.

"ޓިއުބްލައިޓް" ގެ ފުރަތަމަ ޝެޑިއުލްގެ މަންޒަރުތައް ލަޑަކްގައި ނަގައި ނިމިފައިވާއިރު، ސަލްމާނާ އެކު މިފިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދާނީ ޗައިނާގެ ބަތަލާ ޒޫ ޒޫ އެވެ.