ބޮލީވުޑް

އިމްތިއާޒު އަލީގެ ފިލްމުގެ ޝޫޓިން ޝާހްރުކް ފަށައިފި

Aug 23, 2016

ޑައިރެކްޓަރު އިމްތިއާޒު އަލީގެ އާފިލްމުގެ ޝޫޓިން ސުޕަސްޓާ ޝާހްރުކް ޚާން އާއި އަނުޝްކާ ޝަރްމާ ޗެކް ރިޕަބްލިކްފެ ޕްރާގްގައި ފަށައިފި އެވެ.

ހޯމަ ދުވަހު ޝޫޓިން ފަށާފައިވާ މިފިލްމުގެ ސެޓްގައި ނަގާފައިވާ ފޮޓޯތަކެއް ޝާހްރުކް ވަނީ ސޯޝަލް މީޑިއާ އަށް ލާފަ އެވެ. ޝާހްރުކްގެ އިތުރުން އަނުޝްކާވެސް އަންނަނީ ޕްރާގްގެ ހިތްގައިމު ރީތިކަން ފެންނަ ފޮޓޯތަކާއި ވީޑިއޯތަކުގެ އިތުރުން އެފިލްމުގެ ބައެއް މަންޒަރުތައް ނަގަމުން އަންނަ ލޮކޭޝަންގެ ފޮޓޯވެސް އާންމުކުރަމުންނެވެ.

މީގެއިތުރުންވެސް ޝާހްރުކް ވެސް ފިލްމުގެ ސެޓުން އިންސްޓަގްރާމް ކުރި ފޮޓޯއެއްގައި ވަނީ އޭނާ މިފޮޓޯ ޕޯސްޓްކޮށްފައިވަނީ ޑައިރެކްޓަރު އިމްތިއާޒުގެ ހުއްދަ އާއެކު ކަމަށް ލިޔެފަ އެވެ.

"ދަ ރިންގް" ގެ ނަމުން ނަން ދީފައިވާ މިފިލްމުގައި ޝާހްރުކް ފެނިގެންދާނީ ޕަންޖާބު ޓުއާ ގައިޑެއްގެ ރޯލުން ކަމަށްވެ އެވެ. އަދި އަނުޝްކާ ފެނގެންދާނީ ގުޖްރާތަށް ނިސްބަތްވާ ޒުވާން އަންހެން ކުއްޖެއްގެ ރޯލުން ކަމަށްވެ އެވެ.

މިފިލްމުގެ ޝޫޓިން ފެށި ދުވަހު ސޯޝަލް މީޑިއާގައި ޝާހްރުކްފެ ފޭނުން ޕޯސްޓްކުރަމުން އަންނަ ފޮޓޯތަކަށް ބަލާލުމުންވެސް ޝާހްރުކް މިފިލްމުގައި ކުޅޭ ކެރެކްޓާ އެނގިގެންދެ އެވެ. އުސްތަނެއްގެ މައްޗަށް އަަރައި ޝާހްރުކް ހުންނަ ފޯޓޯއެއްގައި އޭނާގެ އަތުގައި ލޯގޯއެއް އިންނަ ކުޑަ ދިދަ އަކާއި އަތުގައި އޮޅާފައި އޮންނަ ކާޑެއް އޮންނަތަން ފެނެ އެވެ. އަދި ޝާހްރުކް ނޫކުލައިގެ ގަމީހަކާއި ކޯޓެއް ލައިގެން ހުންނައިރު، ފިލްމުގެ ބައެއް މަންޒަރުތަކަށް ފިލްމުގެ ކްރޫއާއެކު އޭނާ ތައްޔާރުވަމުން އަންނަނިކޮށް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ވެސް ވަނީ އާންމުވެފަ އެވެ.

މީގެކުރިން މިފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ޝާހްރުކް ވަނީ "ދަ ރިންގް" އަކީ ޒަމާނީ ލޯބީގެ ވާހަކައެއް ނޫން ކަމަށާއި މިފިލްމުގައި އޭނާގެ ފެނިގެންދާނީ އޭނާގެ އަސްލު އުމުރާ ގާތްކުރާ މީހެއްގެ ރޯލުން ކަމަށް ބުނެފަ އެވެ.

"ދަ ރިންގް" އަކީ ޝާހްރުކް އަނުޝްކާ އާއެކު ފެނިގެންދާ ތިން ވަނަ ފިލްމެވެ. އަނުޝްކާ ބޮލީވުޑަށް ތައާރަފުވެފައިވަނީ ޝާހްރުކް އާއެކު ފެނިގެންދިޔަ ފިލްމު "ރަބްނެ ބަނާދީ ޖޯޅީ" އިންނެވެ. އޭގެފަހުން މިދެތަރިން ވަނީ އެކުގައި "ޖަބްތަކް ހޭ ޖާން" އިން ވެސް ފެނިގެން ގޮސްފަ އެވެ.