ތާވަލުގެ ދެ ވަނައިގައި އޮތް އީގްލްސްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކުރި ހޯދައި އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި ތާވަލުގެ އެއް ވަނައިގައި މާޒިޔާއިން ހަތަރު ޕޮއިންޓަށް ފަރަގު ބޮޑުކޮށްފިއެވެ.
މެޗަށް ނިކުތް އިރު އީގަލްސްއާ މާޒިޔާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެވެ. މެޗުން މޮޅުވެ ހޯދި ތިން ޕޮއިންޓާއެކު މާޒިޔާ އެއް ވަނައިގައި ފަރަގު ބޮޑުކޮށްފައިވަނީ 31 ޕޮއިންޓް ހޯދައިގެންނެވެ. އީގަލްސްއަށް ލިބިފައިވަނީ 27 ޕޮއިންޓެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗްގައި މާޒިޔާގެ ހަމައެކަނި ލަނޑު 41 ވަނަ މިނެޓްގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އީގަލްސްގެ ޕެނަލްޓީ އޭރިއާގެ ތެރެއަށް ހުރަސްކޮށްދިން ބޯޅަ އަކުން ކާމިޔާބު ކުރީ އަހްމަދު އިމާޒު (އާއްކޮ) އެވެ.
މެޗްގައި މިނޫނަސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް މާޒިޔާއަށް ލިބިގެން ދިޔައެވެ. އެގޮތުން ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި މުހައްމަދު އުމޭރު އާއި ދެ ކުޅުންތެރިންނަށް ލިބިގެން ދިޔަ ފުރުސަތުތައް ފާހަގަ ކުރެވުނެވެ.
މެޗްގައި އެންމެ ފުރަތަމަ މާޒިޔާއިން އުފެއްދި ހަމަލާ އުފެއްދީވެސް ދަގަނޑޭއެވެ. 11 ވަނަ މިނެޓްގައި ޕެނަލްޓީ އޭރިއާގެ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ ދިޔައީ އީގަލްސްގެ ގޯލް ދަނޑިއާ އިންޗިއެއްހާ ދުރުން ބޭރަށެވެ.
މެޗްގެ 28 ވަނަ މިނެޓްގައި މާޒިޔާގެ ޑިފެންޑަރު އަލީ ސަމޫހް (ސަމުއްޓޭ) އީގަލްސްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސް ކުރި ހިތްގައިމު ބޯޅަ އުމޭރު ހުސްކޮށް ހުރެފައި ބޮލުން ފޮނުވާލި ނަމަވެސް އެބޯޅަ ދިޔައީ ގޯލާ މާ ދުރުން ބޭރަށެވެ.
މެޗްގައި އީގަލްސްއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިގެން ގޮސްފައެވެ. އެގޮތުން މެޗްގެ ފަސް ވަނަ މިނެޓްގައި ބިދޭސީ ކުޅުންތެރިޔާ މުހައްމަދު ސެޑިކް ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ހުރަސްކޮށް ދަނޑި ކައިން ބޭރަށެވެ.
ފުރަތަމަ ހާފުގައި އީގަލްސް އަށް ލިބުނު އެންމެ ފަހި ފުރުސަތު ލިބިގެން ދިޔައީ އެޓީމުގެ ކެޕްޓަން އިމްރާން ނަޝީދަށެވެ. އީގަލްސް އުފެއްދި ހަމަލާ އަކުން ތަނަވަސްވި ބޯޅަ އޭނާ ފޮނުވާލުމުން މޫސާ ޔާމީން ވަނީ ގޯލް ކުރިމަތިން ދިފާއުކޮށް ކުރިއަށް ފޮނުވާލާފައެވެ.
ދެ ވަނަ ހާފުގައި އަސައްކޮ އަށްވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. އޭނާ ފޮނުވާލި ހަމަލާ ގޯޅް ތެރެއަށް ވަދެ ވަދެ އޮތްވައި އީގަލްސްގެ ކީޕަރު ސޫޖަން ޕެރޭރާ ވަނީ ދިފާއުކޮށްފައެވެ. ދެ ވަނަ ހާފުގައި އީގަލްސްއަށް ވުރެ ނުރައްކާ ފުރުސަތުތައް ތަނަވަސް ކުރީވެސް މާޒިޔާއިންނެވެ.
ހާއްސަކޮށް ދަގަނޑޭ އާއި އުމޭރު އަދި އަސައްކޮގެ ހިއްސާ އޮވެގެން އުފެއްދި ހަމަލާތައް ނުރައްކާކަން ފާހަގަ ކޮށްލެވެއެވެ.
މި މެޗަށް ފަހުވެސް މެޗާ ބެހޭގޮތުން ދެ ޓީމުގެ ކޯޗުން ދެކޭ ގޮތް ހާމަ ކުރުމަށް ބާއްވަންޖެހޭ ޕޯސްޓް މެޗް ޕްރެސްކޮންފަރެންސް ބާއްވާފައެއް ނުވެއެވެ.