ބޮލީވުޑް

ރަންބީރަށްޓަކައި ކެރިއަރުވެސް ދޫކޮށްލަން ކެޓްރީނާ ތައްޔާރަށް

Aug 25, 2016
1

މަޝްހޫރު ދެތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފްގެ ހަ އަހަރުވީ ލޯބީގެ ގުޅުން މި ދެ ތަރިން ކުއްލި އަކަށް ނިންމާލިތާ އަށް މަސް ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު އެ ގުޅުން ނިންމާލަން ޖެހުނު ގޮތާއި ބެހޭގޮތުން ތަފާތު ގޮތްގޮތަށް ވާހަކަދެކެވުނު ނަމަވެސް މި ދެ ތަރިން އެކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއްނުވެ އެވެ.

ނަމަވެސް އެންމެފަހުން ރަންބީރު އެވަނީ ކެޓްރީނާ އާއި އޭނާގެ ލޯބީގެ ނިމުން އައި ގޮތް އޭނާގެ ދުލުން ކިޔައިދީފަ އެވެ. ރަންބީރު އިންޑިއާގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ވަނީ ކެޓްރިނާ އަކީ އޭނާގެ ހަޔާތުގައި ވަރަށް މުހިންމު އަދި އެހާމެ ހާއްސަ ޖާގައެއް ދީފައިވާ މީހެއް ކަމަށް ބުނެފަ އެވެ.

މި ދެ ތަރިންގެ ލޯބީގެ ނިމުން ކިތަންމެ ހިތްދަތި ނަމަވެސް ރަންބިރުގެ ދުލުން ވަނީ ކެޓްރީނާ އަށް ތައުރީފުގެ އެތައް ބަހެއް އޮއްސާފަ އެވެ. ނަމަވެސް މި ވާހަކަތައްވީ ކެޓްރީނާ މާގަޔާވި ވާހަކަތަކެއް ނޫނެވެ. އެގޮތުން ރަންބީރު، ކެޓްރީނާ އަކީ އޭނާ އަށް މިދިޔަ ދުވަސްތަކުގައި އެންމެ ބޮޑު ހިތްވަރެއްދިން ފަރާތް ކަމަށް ބުނެފައިވުމުން އެކަމާ ކެޓްރީނާ ހުރީ ވަރަށް ހިތްހަމަނުޖެހިފަ އެވެ.

މި ދެ ތަރިން ގާތް ފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން ރަންބީރު ކެޓްރީނާ އަކީ ކިތަންމެ ހާއްސަ މީހެއް ކަމަށް ބުންޏަސް ހަގީގަތުގައި ހައަހަރުވަންދެން ލޯބީގެ ގޮތުން ރަންބީރު ކެޓްރީނާ އާއުޅުނީ އޭނާގެ އަމިއްލަ ބޭނުންތަކެއް ކެޓްރީނާގެ ފަރާތުން ހާސިލްކުރަން ބޭނުންވުމުންނެވެ.

އެގޮތުން ކެޓްރީނާގެ މަޝްހޫރުކަމުގެ ފައިދާ ރަންބީރު ކިތަންމެހާ ވެސް ރަނގަޅަށް އޭނާގެ ކެރިއަރު ބިނާކުރުމަށް ނަގާފައިވާ ކަމަށް ކެޓްރީނާ ގަބޫލުކުރާއިރު، ލޯބީގެ ގޮތުން އެ ދެ ތަރިން ހައަހަރު އުޅުނުއިރު، ކެޓްރީނާ އެގުޅުން އެހެން ހަރުފަތަކަށް ގެންދަން ކުރި އެއްވެސް ކަމެއްގެ އަގު ރަންބީރު ވަޒަން ނުކުރާ ކަމަށްވެ އެވެ.

ރަންބީރަށްޓަކައި ކެރިއަރުވެސް ދޫކޮށްލަން ކެޓްރީނާ ތައްޔާރަށް ހުރި އިރު، އޭނާއާ ކައިވެނިކުރަން ކެޓްރީނާ ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ވަނީ އަމިއްލަ ދިރިއުޅުމުގެ ކަންތައްތަކަށް ބޮޑަށް އިސްކަންދޭން ލިބުނު ގިނަ ފިލްމުތަކެއް ދޫވެސް ކޮށްލާފަ އެވެ. އަދި ރަންބީރަށްޓަކައި އޭނާގެ ކިބައިގައި ހުރި އުނިސިފަތަށް ބަދަލުކޮށް އޭނާ އާއެކު އުފާވެރި ޒަވާޖީ ހަޔާތެއް ބިނާކުރުމުގެ ހުވަފެން ކެޓްރީނާ އައީ ދެކެމުންނެވެ. އެހެންނަމަވެސް އޭނާގެ ހުރިހާ ހުވަފެންތަކެއް ވިއްސި ވިހާލެވި، ހައަހަރުވީ ލޯބީގެ ގުޅުން ނިމުމަކަށް ގެންނަން ޖެހުނީ ރަންބީރާ ހެދި އެވެ.

މި ދެ ތަރިން ރުޅިވިޔަސް އަންނަނީ އެކުގައި ޑައިރެކްޓަރު އަނޫރާގް ބާސޫގެ "ޖައްގާ ޖާސޫސް" ގެ މަންޒަރުތައް ނަގަމުންނެވެ.