ރިޕޯޓް

ބޮޑެތި ކުށްކުރާ ކުޑަކުދިން އިތުރުވަނީ! ކީއްވެ؟

  • ގޭންގްތަކުގައި އުޅޭކުދިން އިތުރުވެފައިވޭ
  • މައިންބަފައިންގެ އިހުމާލު ވަރަށް ބޮޑު
  • މަސްތުވާތަކެތި ބޭނުން ކުރާ ކުދިންވެސް އިތުރުވެފައިވޭ

ގުރޫޕް މާރާމާރީތަކާއި މަރުގެ މައްސަލަތަކުގައި ކުޑަ ކުދިން ބައިވެރިވާ މިންވަރު އިތުރުވެފައިވާ ކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތަފާސް ހިސާބު ރިޕޯޓުން ދައްކައިފި އެވެ. މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެކަނި ވެސް މަރުގެ މައްސަލަތަކުގައި ހަތް ކުޑަ ކުއްޖަކު ވަނީ ޝާމިލްވެފަ އެވެ. މަރުގެ މައްސަލަތަކުގައި މުޅިން ވެސް ޝާމިލް ވަނީ ފިރިހެން ކުދިންނެވެ.

ތަފާސް ހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރު މަރުގެ މައްސަލަތަކުގައި ޝާމިލުވެފައިވަނީ ދެ ކުޑަ ކުއްޖެކެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް އެ އަދަދު ވަނީ ހަތަކަށް އަރާފަ އެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މަރުގެ މައްސަލަތަކުގައި ކުދިން ބައިވެރިވާ މިންވަރު އިތުރުވެފައިވަނީ ގޭންގް މާރާމާރީތަކުގައި ކުދިންގެ ބައިވެރިވުން އިތުރުވުމުންނެވެ.

ރިޕޯޓުން ދައްކާ ގޮތުގައި އެންމެ ގިނައިން ކުޑަ ކުދިން ކޮށްފައިވާ ކުށްތަކަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަން ކުރުމާއި މާރާމާރީގެ މައްސަލަތަކަށެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކުގައި ފުރަތަަމަ ހަ މަސް ދުވަހު، ޖުމްލަ 47 ކުދިން ވަނީ ޝާމިލުވެފަ އެވެ. އޭގެ ތެރޭގައި ހަ އަންހެން ކުދިން ވެސް ހިމެނެ އެވެ. ވައްކަން ކުރުމުގައި 33 ކުއްޖަކު ބައިވެރިވި އިރު، ބޮޑެތި މާރާމާރީތަކުގައި 20 ކުއްޖަކު ޝާމިލުވި އެވެ. އޭގެތެރޭގައި އަންހެން ކުއްޖެއް ވެސް ހިމެނެ އެވެ. ވައްކަން ކުރުމުގައި ވެސް އަންހެން ކުއްޖަކު ޝާމިލުވެފައިވެ އެވެ. މީގެއިތުރަށް އަންހެން ކުދިން ޝާމިލުވެފައިވަނީ ބަދު އަހުލާގީ އަމަލު ހިންގުމުގެ މައްސަލަތަކުގަ އެވެ. އެފަދަ މައްސަލަތަކުގައި ޖުމްލަ ހަތަރު ކުއްޖަކު ޝާމިލުވާއިރު އޭގެ ތެރެއިން ދެ ކުދިންނަކީ އަންހެން ކުދިންނެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ގާނޫނާ ގަވައިދާ ހިލާފުވެގެން ޖުމްލަ 167 ކުޑަ ކުއްޖެއްގެ މައްސަލަ ހުށަހަޅާފައިވާއިރު ކުށް ތަކުރާރުވެގެން 47 ކުއްޖެއްގެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކަ އެވެ.

މި ރިޕޯޓް އެކުލަވާލި އިރު، ކުދިން މިފަދަ ކުށްތަކަށް އަރައިގަންނަ ސަބަބުތައް ވެސް ވަނީ ދެނެގަނެފަ އެވެ. އެގޮތުން ކުދިން ކުށުގެ މާހައުލަށް ވަންނަ މައިގަނޑު ސަބަބެއް ގޮތުގައި ފާހަގަކޮށްފައިވަނީ ކުދިންގެ ފުރާވަރުގެ ދުވަސްވަރު އެ ކުދިން މައިންބައިފައިންނަށް ކޮންޓްރޯލް ނުކުރެވުމެވެ. އަދި ރޭގަނޑު ލަސްވަންދެން ބޭރުގައި ކުދިން އުޅުނު ނަމަވެސް އެއީ މައިންބައިފައިންނަށް މައްސަލައަކަށް ނުވުމެވެ. ކުއްޖާގެ އަހުލާގީ މައްސަލައެއް ދިމާވުމުން ވެސް އެ ކުއްޖާ އިސްލާހުކުރުމަށް ގިނަ ފަހަރަށް ބެލެނިވެރިންގެ އެއްބާރުލުން ނުލިބޭ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ކުށްކުރާ ކުދިންނަށް ބަލާލާއިރު ގިނައީ ކައިވެނިކޮށްގެން އެކުގައި އުޅޭ ބެލެނިވެރިންގެ ކުދިންނެވެ. އެގޮތުން އެ ޔުނިޓަށް ހުށަހެޅުނު މައްސަލަތަކުގައި ޝާމިލުވާ ކުދިންގެ ތެރެއިން 87 ކުދިންނަކީ ބެލެނިވެރިން އެކުގައި އުޅޭ ކުދިންނެވެ. ދެން އެންމެ ގިނައީ މައިންބަފައިން ވަރިވެ ވަކިން ދިރިއުޅޭ ކުދިންނެވެ. އެއީ، 49 ކުއްޖެކެވެ.

ކުށުގެ މައްސަލަތަކުގައި ހައްޔަރުކުރާ ގިނަ ކުދިން ހައްޔަރުކޮށްފައިވަނީ ވެރިރަށް މާލެއިންނެވެ. އެއީ ހައްޔަރުކުރި ކުދިންގެ 85 ޕަސެންޓެވެ. ނަމަވެސް އޭގެ ތެރޭގައި ގިނައީ މާލޭގައި އުޅޭ ކޮންމެވެސް އަތޮޅުތަކަަށް ނިސްބަތްވާ ކުދިންނެވެ.