ރާއްޖެ ކުޅިވަރު

މެޗަށް އަޔަސް ޒަވީއަށް ކުޅުމުގެ ހުއްދަ އަދި ނުލިބޭ: ޓޮމް

Aug 24, 2016
2

ދެހާސް އަށް ވަނަ އަހަރު ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމާ، މިހާރުގެ ގައުމީ ޓީމާ ކުޅޭ މެޗަށް ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް އަޔަސް، އޭނާއަށް މެޗް ކުޅުމުގެ ހުއްދަ އަދި ނުލިބޭ ކަމަށްް އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޯމް) ވިދާޅުވެއްޖެއެވެ.

މިއަދު އެފްއޭއެމްގެ އިދާރާގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ޓޮމް ވިދާޅުވީ، ގަތަރުގެ އަލް ސައާދަށް މިހާރު ކުޅެމުން އަންނަ ޒަވީ މިހާރުވެސް ހުރީ އެ ކުލަބުން ކުރިއަށްގެންދާ ޓްރެއިނިން ކޭމްޕެއްގައި ކަމަށާއި "މެޗްގައި ދަނޑަށް ނުކުމެ ކުޅުމުގެ ހުއްދަ އަދި ނުލިބޭ" ކަމަށެވެ.

އެފްއޭމްއިން ވަނީ އާޖެންޓީނާގެ ކުރީގެ ކެޕްޓަން ރޮބާޓޯ ފަބިއަން އަޔާލާއަށް ވެސް އެ މެޗަށް އައުމަށް ދައުވަތު ދީފައެވެ. ޓޮމް ވިދާޅުވީ "މެޗްގެ ކޮންމެވެސް ހިސާބަކުން އަޔާލާ ވެސް ފެންނާނެ" ކަމަށެވެ.

ރާއްޖޭގެ ފުޓްބޯޅަ މާކެޓްކޮށް ފޯރި ގަފަ ކުރުމަށް، ގިނަ ޕްލޭންތަކެއް އެކުލެވިފައިވާ ކަމަށް ޓޮމް ވިދާޅުވި އެވެ.

ސާފްޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމު ކުޅޭ މެޗްގައި ޓީމަށް އިރުޝާދު ދޭނީ، ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކޯޗް ސޮލަވާކިއާގެ ޖޯސެފް ޔަންކޭޒްއެވެ.

މިމެޗް އޮންނާނީ މިމަހު 29 ވަނަ ދުވަހުގެ ރޭ ގައެވެ. އެފްއޭއެމް އިން ވަނީ އެ މެޗްގައި ސަޕޯޓް ކުރުމަށް މިނިވަން ޗެމްޕިއަންޝިގައި ވާދަ ކުރި ކުޅުދުއްފުށީ ޓީމުގެ ސަޕޯޓަރުންނަށް ދައުވަތު ދީފައެވެ. ޓޮމް ވިދާޅުވީ އ މެޗްގެ ޓިކެޓް ވިއްކަން ފަށާނެ ކަމަށެވެ.