ހަބަރު

މުޒާހަރާއިން ހައްޔަރު ކުރި މެންބަރު އާޒިމް ޑްރަގަށް ޕޮޒިޓިވް

Feb 23, 2015
2

ރޭގެ މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ މެދުހެންވޭރު ދާއިރާގެ މެންބަރު، އަލީ އާޒިމް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަން ކަށަވަރުވެއްޖެ އެވެ.

ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމާ ގުޅިގެން ރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން، ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ކައިރީގައި މުޒާހަރާ ކުރަން އުޅުނު މީހުންގެ ތެރެއިން ހައްޔަރު ކުރީ 10 މީހެކެވެ. އޭގެ ތެރޭގައި 18 އަހަރު ނުވާ ކުއްޖަކާއި އަންހެނަކު ހިމެނޭ އިރު، އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށް ޔޫރިން ޓެސްޓް ކުރީއިރު، އެ މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ނަމަވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި، މީހުންގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އަވަސް އަށް ކަށަވަރުވެފައިވާ ގޮތުގައި އޭގެ ތެރޭގައި މެންބަރު އާޒިމް ހިމެނެ އެވެ.

ގާނޫނުގައި ބުނާ ގޮތުގެ މަތިން ޔޫރިން ޓެސްޓް ކުރާނެ މިނިވަން ލެބޯޓްރީއެއް ނެތުމުން އެފަދަ މައްސަލަތަކުގައި ޕީޖީ އިން ދައުވާ ކުރުން އޮތީ ހުއްޓާލައިފަ އެވެ. 

މުޒާހަރާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ނަސޭހަތް ދިނުމަށް ފަހު ދެ މީހަކު ވަނީ ދޫކޮށްލައިފަ އެވެ. ބާކީ ތިބި މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކޯޓަށް ހާޒިރު ކުރާނެ ކަމަށް މައުލޫމާތު ލިބެ އެވެ.