ރާއްޖެ ކުޅިވަރު

ދިވެހި ފުޓްބޯޅަ ފޯރިގަދަ އާޕްލޭން: ޝައުގުވެރިވާނެތަ؟

ޔޫރަޕްގެ ފުޓްބޯޅަ ހިތަށާއި ސިކުނޑިއަށް ޖަމާކޮށްގެން އިނދެ ދިވެހި ފުޓްބޯޅަ ބަލަން އުޅެފިނަމަ މަންޒަރު ނުސާފުވާނެ އެވެ. ބަލަން ރީއްޗެއްވެސް ނުވާނެ އެވެ. ވެގެން އުޅެނީވެސް އެހެންނެވެ. ދިވެހި ފުޓްބޯޅަ ދެކެ ދިވެހިން ފޫހިވީ ވަރު، ގަލޮޅު ދަނޑަށް ބާލައިލުމުން ވެސް އެނގެއެވެ. ގައުމީ ޓީމަށްޓަކައި ފުޓްބޯޅައަށް މަރުދޭ ސަޕޯޓަރުން، ގައުމީ ޓީމު ކުޅުނަސް ދަނޑަށް ވަންނަ އަދަދު މަދުވިކަން މާލޭގައި ގައުމީ ޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް އެނގެއެވެ.

ދިވެހިން ބޭނުންވަނީ ދިވެހި ފުޓްބޯޅައިން ބަދަލުތަކެއް ފެނުމަށެވެ. ފޯރިގަދަ އާ ކަންތައްތަކެއް ބެލުމަށެވެ. ދިވެހި ފުޓްބޯޅައިން އެ ކަންކަން ބެލުމަށް ހާއްސަ ކަންތައްތަކަށް އެފްއޭއެމް އެބަ ތައްޔާރުވެ އެވެ. ފުޓްބޯޅަ ފޯރިގަދަކޮށް މާކެޓް ކުރުމަށެވެ.

އެންމެ ފުރަތަމަ އިތުރުވާ ބޯޅަކީ މީގެ އަށް އަހަރު ކުރިން ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމާ ދެކޮޅަށް މިހާރުގެ ގައުމީ ޓީމު ކުޅޭ މެޗެވެ. މި މެޗަށް ހާއްސަކޮށް އެފްއޭމް އިން ވަނީ ދުނިޔޭގެ ފުޓްބޯޅާއިގެ އެންމެ މަތީ ހަރުފަތުގައި ވާދަކޮށްފައިވާ ތަރިންތަކަކަށް ދައުވަތު ދީފައެވެ.

އެގޮތުން ސްޕެއިނަށް 2010 ވަނަ އަހަރު ވޯލްޑްކަޕް ހޯދައިދިން ޓީމުގެ އެންމެ މުހިންމު މައިބަދަ، ޒަވީ ހެނާންޑޭޒްއާއި އާޖެންޓީނާގެ ކުރީގެ ކެޕްޓަން ފަބިއެން އަޔާލާ އަށް ވަނީ ދައުވަތު ދީފައެވެ. އެ މެޗްގެ ކޮންމެވެސް ހިސާބަކުން ފަބިއަން އަޔާލާ ކުޅޭނެ ކަމަށް އެފްއޭއެމް އިން ބުނެއެވެ.

އެފްއޭއެމްގެ ރައީސް އަހްމަދު ތާރިގް (ޓޮމް) ވިދާޅުވާ ގޮތުންނަމަ، މިހުރިހާ މަސައްކަތެއްގެ ވެސް އަސްލު ސަބަބު ގުޅިފައިވާނީ ރާއްޖޭގެ ފުޓްބޯޅަ މާކެޓް ކުރުމަށް އެފްއޭއެމުން ފަށާ މަސައްކަތާ އެވެ.

އަވަށްޓެރި އިންޑިއާގައިވެސް ފުޓްބޯޅަ މާކެޓް ކުރުމަށް ގެންގުޅުނީ މި ފޯމިއުލާ އެވެ. އެ ފޯމިއުލާގެ ކާމިޔާބުކަން އިންޑިއާގެ ފުޓްބޯޅައިން ދަނީ ފެންނަމުންނެވެ. ހޮކީ އާއި ކްރިކެޓްގެ ފޯރި އިންތިހާއަށް ހިފާފައި އޮތް އިންޑިއާގެ ފުޓްބޯޅަ މާކެޓް ކުރުމަށް އިންޑިއަން ސްޕަލީގް އޮގަނައިޒް ކުރާ ފަރާތްތަކުން ވަނީ ލިޔޮނަލް މެސީ ހިމެނޭ ގޮތަށް އާޖެންޓީނާގެ ގައުމީ ޓީމާ ބޮލީވިއާގެ ގައުމީ ޓީމު ހިމެނޭ މެޗެއް އިންޑިއާގެ ފަސް ގަނޑުގައި ކުޅެފަ އެވެ.

މެލޭޝިއާއިން ވެސް ދޭތެރެ ދޭތެރެއިން ޔޫރަޕްގެ އެންމެ މަތީ ކުލަބުތަކަށް ދައުވަތު ދީގެން، އެ ގައުމަށް ގެންގޮސް އެ ގައުމުގައި މެޗްތައް ކުޅުވައެވެ. އެހުރިހާ ކަމެއްވެސް ގުޅޭނީ ފުޓްބޯޅަ މާކެޓް ކުރުމުގެ ފިޔަވައްސާ އެވެ.

އެފްއޭއެމްގެ މި މަޝްރޫގައި ހިމެނޭ އެންމެ މުހިންމު އަނެއް ކަމަކީ ބައިނަލްއަގްވާމީ ފުޓްބޯޅައިގެ މާހިރަކަށް ދިން ދައުވަތެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދެނެގަތުމަށެވެ. ފްއޭއެމްގެ އެ ދައުވަތު ދީފައިވަނީ މި ދާއިރާއިން އެކި ދިރާސައްތައް އެކުލަވާލައްވާފައިވާ އިޓަލީގެ ޔުވެންޓަސްގެ ކުރީގެ އެސިސްޓެންޓް ކޯޗް ޖެންސް ބެންގްސްބޯއަށެވެ.

"މިއަންން މަހު ރާއްޖެއާ ބަނގުލަދޭޝް ކުޅޭ މެޗާއި ލާއޯސްއާ ދެކޮޅާށް ކުލޭ މެޗް ބެލުމަށްފަހު، ރާއްޖޭގެ ފުޓްބޯޅަ ހަރުދަނާ ކުރުމަށް ބެންގްސްބޯ ލަފާ ދެއްވާނެ،" ޓޮމް ވިދާޅުވި އެވެ.

ރާއްޖޭގެ ފުޓްބޯޅަ ހަރުދާނާ ކުރުމަށް އެފްއޭއެމްގެ އަނެއް މަސައްކަތަކީ ދިވެހި ފުޓްބޯޅައިގެ ސްޓްރެޓެޖީކް ޕްލޭން އެކުލަވައިލުމެވެ. އެ މަސައްކަތައް އެފްއޭއެމް އިން ހަވާލުކޮށްފައިވަނީ ދުނިޔޭގެ ފެންވަރުގެ ކުންފުންޏަކާ އެވެ. އެކުންފުނިން ވަނީ ބްރެޒިލްގެ އޮލިމްޕިކްގެ ސްޓެރެޓެޖިކް ޕްލޭން ވެސް އެކުލަވައިލާފަ އެވެ.

އަންނަ މަހު 15 ގައި ރާއްޖޭގެ ފުޓްބޯޅައިގެ އާ ޕްލޭން އެކުލަވައިލުމުގެ މަސައްކަތަށް އެ ކުންފުނިން މާލެ އަންނާނެއެވެ.

"އެ ކުންފުނީގެ ނަން ދެންނެވީމަ، އެންމެނަށް ވެސް އެއީ ވަރަށް މަގުބޫލު ނަމަކަށްވާނެ. ނަމަވެސް އެ ކުންފުނީގެ ނަން އަޅުގަނޑުމެން ހާމަ ކުރާނަން މި އަންނަ މަހު،" ޓޮމް ވިދާޅުވި އެވެ.

ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި މެޗް ފޯރިގަދަ ކުރުމަށް އެފްއޭއެމްގެ ރައީސްގެ ހާއްސަ ދުވަތެއް ވަނީ މިނިވަން ޗެމްޕިއަންޝިޕްގައި އާދަޔާ ހިލާފް ސަޕޯޓެއް ދިން ކުޅުދުފުށީ ޓީމުގެ ސަޕޯޓަރުންނަށް ވެސް ދައުވަތު ދީފައެވެ.

މިއީ ރާއްޖޭގެ ފުޓްބޯޅަ މާކެޓް ކުރުމަށް އެފްއޭއެމްއިން ތައްޔާރު ކުރާ ދުރުމީގެ ހިމެނޭ ލެންސްތަކުގެ ބައިތަކެވެ. މި މަސައްކަތް ފުރިހަމަވާއިރު ދިވެހި ފުޓްބޯޅަ ބަލާ ދުރުމިވެސް ޒަމާނީވެ، ގިނަ ބަޔަކު ޝައުގުވެރިވާނެ ކަމަކަށް ވެގެންދާނެ ކަމަށް އެފްއޭއެމްއިން އުންމީދު ކުރެއެވެ. އޭރުން އެދުރުމިން ބަލާ މަންޒަރުވެސް ރީތިވެ ސާފުވާނެއެވެ.