ހަބަރު

މަހްލޫފްގެ މައްސަލަ ޕީޕީއެމްގެ ސުލޫކު ކޮމެޓީން ބަލަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ސަރުކާރާއި ރައީސް އަބްދުﷲ ޔާމީނަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވި މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ބަލަން ފަށައިފި އެވެ.

ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މަހްލޫފްގެ މައްސަލަ އެ ޕާޓީންގެ ބަލަނީ ރޭ ރާއްޖެ ޓީވީގައި ސަރުކާރާއި ރައީސް ޔާމީަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވި މައްސަލައިގަ އެވެ. އެ މައްސަލައިގައި މަހްލޫފްގެ ފަރާތުން ޖަވާބުދާރީވުމަށް އެ ޕާޓީގެ ދެ މެމްބަރަކު މާދަމާ ހެނދުނު އެ ޕާޓީގެ އޮފީހަށް ފޮނުވަން އެ ޕާޓީން ވަނީ މަހްލޫފަށް މިއަދު އަންގައިފަ އެވެ.

ޕީޕީއެމްގެ ސުލޫކު ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ސޮއިކުރައްވާ މަހްލޫފަށް ފޮނުވި ސިޓީގައިވަނީ ރައީސް ޔާމީނާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް މަހްލޫފް ވާހަކަ ދެއްކެވި ކަމަށް އެ ކޮމެޓީއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރުކުރި މައްސަލައިގައި ކަމުގެ ހަގީގަތް އޮޅޭ ފަދަ ގޮތަަކަށް މަހްލޫފް ވާހަކަ ދެއްކެވި ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

މީގެ އިތުރުން ޕާޓީ ބަދުނާމުވާ ގޮތަށް މަހްލޫފް ވާހަކަ ދައްކަވާފައިވާ ކަމަށް އެ ކޮމެޓީއަށް ފާހަގަކުރެވޭ ކަމަށް އެ ސިޓީގައިވެ އެވެ.

ރޭ ރާއްޖެ ޓީވީގައި މަހްލޫފް ވިދާޅުވީ ބޮޑު އުއްމީދަކާ އެކު ރައީސް ޔާމީން ވެރިކަމަށް ގެނައި ނަމަވެސް ނާޖާއިޒް ގޮތުގައި ސަރުކާރުން ކަންކަން ކުރަމުންދާ ކަމަށެވެ. އެހެންވެ އޭނާގެ މިސްރާބު މިހާރު ހުރީ "އެހެން ދިމާލަށް" ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.