ފިނިޕޭޖް

މާދަމާގެ އަވަސް ވީކެންޑްގައި 4426 ގެ ހާއްސަ މަންޒަރުތައް!

ދިވެހި ފިލްމު އޯޑިއަންސް މިހާރު އިންތިޒާރު ކުރަމުން މިދަނީ ޕްރޮޑިއުސަރު ފާތުމަތު ނަހުލާގެ ތަފާތު ފިލްމެއް ކަމަށްވާ "4426" އަށެވެ. މިފިލްމެއްގެ ވާހަކަ ދެއްކީއްސުރެ ފިލްމު ބަލަން ކެތްމަދުވެފައި ތިބި މީހުން އިތުރަށް ކެތްމަދުވީ ފިލްމުގެ ޕޯސްޓަރުތަކާއި ފިލްމުގެ ޓީޒާ އެމީހުންގެ އަތްމައްޗަށް ދޫކޮށްލުމުންނެވެ.

އަނެއްކާވެސް ފިލްމުގެ މުޅިން އާ މަންޒަރެއް މިއުޅެނީ ފެންނާށެވެ. އަވަސް ވީކެންޑްގެ މާދާމާގެ ސެގްމެންޓުގައި 4426ގެ އެއް މިނެޓުގެ ހާއްސަ ވީޑިއޯ ކްލިޕެއް ފެނިގެންދާނެ އެވެ. މިއީ ފިލްމުގެ ޓީޒާއިން ފެނިގެންނުދާ އިތުރު މަންޒަރުތަކެކެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގެ ސީނިއާ ބައެއް ފިލްމީ ތަރިން ކަމަށްވާ ޔޫސުފް ޝަފީއު، ޝީލާ ނަޖީބު، އިބްރާހިމް ޖިހާދު (ޖިމީ)، އަހްމަދު ސައީދު އަދި މުހައްމަދު ފައިސަލްވެސް ފެނިގެންދާއިރު ކުޅަދާނަ ތަރި އަލީ ފާރޫގްވެސް މި ފިލްމުން ފެނިގެންދާނެ އެވެ. ކުރިއަރަމުން އަންނަ މަރިޔަމް އައްޒަ، އަހްމަދު ޖުމައިހް އަދި މުހައްމަދު ޖުމައްޔިލް ނިމާލްގެ ހުނަރުތައްވެސް މި ފިލްމުން ފެނިގެންދާނެ އެވެ. އަދި ސަޕްރައިޒެއް ގޮތުގައިވެސް އިތުރު ތަރިއަކު ފެނިގެންދާނެ އެވެ.

ލޯބީގެ ވާހަކަތަކެއްވެސް ފެނިގެންދާ މި ފިލްމަކީ އާދަޔާހިލާފަށް ލޭއޮހޮރުވުން ބޮޑު ފިލްމެއް ކަމަށް ބުނެވެ އެވެ.

އަވަސް ވީކެންޑްގެ 30 ވަނަ އެޕިސޯޑު މާދަމާ ގެނެސްދޭއިރު އަޅުގަނޑުމެންގެ ހާއްސަ މެހެމާނަކީ 4426ގެ މުހިންމު ބަތަލާ ޝީލާ ނަޖީބެވެ. ޝީލާ ބުނާގޮތުން އޭނާ 4426 ގެ ސެޓަށް ދިޔައީ ކޮންމެ ދުވަހަކުވެސް ކުރުސި ކިޔައިގެންނެވެ. މިވާހަކަ އާއި ފިލްމުގެ ބިރުވެރިކަމުގެ އިތުރު ވާހަކަތަކާއެކު ޝީލާ ކިޔުންތެރިންނާ ބައްދަލުކުރާނެ އެވެ.

4426 ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު 18 ވަނަ ދުވަހުގަ އެވެ.