ހަބަރު

އުމުރުން ދުވަސްވީ މީހަކު ކުޑަކުއްޖަކާ ބެހިގެން 13 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

Feb 23, 2015

ކުޑަ ފިރިހެން ކުއްޖަކާ ބެހުނު އުމުރުން ދުވަސްވީ މީހަކު 13 އަހަރާއި ހަ މަހަށް ޖަލަށްލުމަށް ހއ. ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

ހއ. ފިއްލަދޫ ފީރޯޒްގޭ އިސްމާއިލް ހުސައިން، 87 ގެ މައްޗަށް އެރަށު ކޯޓުން އެ ހުކުމްކުރީ މިދިޔަ އޮކްޓޫބަރު މަހު އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާ ބެހުނު މައްސަލައިގަ އެވެ. އެ މައްސަލައިގައި އިސްމާއިލް ވަނީ ދައުލަތުގެ ދައުވާއަކީ ތެދު ދައުވާއެއް ކަމަށް ބުނެ އެ ކުށަށް އިއުތިރާފްވެފަ އެވެ.

މީގެކުރިން ވެސް އެއް ޖިންސުން ގުޅުން ހިންގުމުގެ ރެކޯޑް އޮންނަ އިސްމާއިލްގެ މައްޗަށް އެ ހުކުމްކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ބޮޑެތި އަދަބުތައް ކަނޑައެޅެ އެވެ.