ބޮލީވުޑް

ދުނިޔޭގެ އެންމެ އަގުބޮޑު އެކްޓަރުންގެ ތެރޭގައި ޝާހްރުކް އާއި އަކްޝޭ

Aug 26, 2016

ފޯބްސް މަޖައްލާއިން ކޮންމެ އަހަރަކު އާންމުކުރާ ދުނިޔޭގެ އެންމެ އަގުބޮޑު ބަތަލުންގެ ލިސްޓު އިއްޔެ މިވަނީ އާންމުކޮށްފަ އެވެ.

ނިމިގެން ދިޔަ 12 މަހަށް ބަލައި އެކުލަވާލާފައިވާ ލިސްޓުގައި އެންމެބޮޑު އާމްދަނީއެއް ލިބިގެން ގަދަ ދިހައެއްގައި ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ސުޕަސްޓާ ޝާހްރުކް ޚާން އާއި އަކްޝޭ ކުމާރު މިވަނީ ހިމެނިގެން ގޮސްފަ އެވެ.

ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި 33 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިގެން ޝާހްރުކް ހިމެނިގެން ގޮސްފައިވަނީ މިލިސްޓުގެ އަށްވަނައިގަ އެވެ. ގަދަ ދިހައެއްގެގައި ހިމެނުނު ދެވަނަ އެކްޓަރު، އަކްޝޭ އަށް 31.5 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު، މިލިސްޓުގައި އޭނާ ހިމެނިގެން ގޮސްފައިވަނީ 10 ވަނައިގައި ހޮލީވުޑްގެ ތަރި ބްރެޑް ޕިޓް އާއެކު އެވެ.

މިއަހަރުގެ މިހާތަނަށް ނިކުތް އަކްޝޭގެ ތިން ފިލްމު، "އެއާލިފްޓް" އާއި "ހައުސްފުލް 3" އަދި "ރުސްތޮމް" އަށް ވަނީ އާމްދަނީގެ ގޮތުގައި 300 ކްރޯޑަށް ވުރެން ގިނައިން ލިބިގެން ގޮސްފަ އެވެ.

މިދެތަރިންގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ސުޕަސްޓާ ސަލްމާން ޚާން އާއި މެގަސްޓާ އަމީތާބް ބައްޗަން ވެސް ވަނީ މިިލިސްޓުގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ 20 އެކްޓަރުންގެ ތެރޭގައި ހިމެނިގެން ގޮސްފަ އެވެ.

މިއަހަރުގެ މިހާތަނަށް ނިކުތް އެންމެ ކާމިޔާބު ހިންދީ ފިލްމު "ސުލްތާން" އަށް އިންޑިއާއިން އެކަނި 300 ކްރޯޑަށް ވުރެން ގިނައިން ލިބިގެން ގޮސްފައިވާއިރު، އެފިލްމުގެ ތަރި ސަލްމާން އަށް އާމްދަނީގެ ގޮތުގައި 28.5 މިލިއަން ޑޮލަރު ލިބިގެން އޭނާ ހިމެނިފައިވަނީ 14 ވަނައިގަ އެވެ. އަދި 20 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިގެން އަމީތާބް އަށް ލިބިފައިވަނީ މިލިސްޓުގެ 18 ވަނަ އެވެ.

އެންމެ ބޮޑު އާމްދަނީއެއް ލިބުނު ބަތަލުން ލިސްޓުގެ އެއްވަނައިގައި 64.5 މިލިއަން ޑޮލަރު ލިބިގެން ހިމެނިފައިވަނީ "ބޭވޮޗް"ގެ ތަރި ޑްވޭން ޖޯންސަން އެވެ. މިއީ ވޭތުވެދިޔަ އަހަރު އޭނާ އަށް ލިބުނު އާމްދަނީގެ ދެގުނަ ބޮޑު އަދަދެކެވެ. އޭނާގެ އިތުރުން ދެވަނަ އާއި ތިންވަނައިގައި ހިމެނިގެން ގޮސްފައިވަނީ ޖެކީ ޗޭން އާއި މެޓް ޑެމަން އެވެ. އެއީ ފާއިތިވި 12 މަސްދުވަހު އާމްދަނީގެ ގޮތުގައި 61 މިލިއަން ޑޮލަރާއި 55 މިލިިއަން ޑޮލަރު ލިބިގެންނެވެ.

ހޮލީވުޑްގެ މަޝްހޫރު ތަރި ޖޯނީ ޑެޕް 48 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިގެން މިލިސްޓުގެ 5 ވަނައިގައި ހިމެނިފައިވާއިރު، މިއަހަރު އޮސްކާ އެވޯޑުގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބުނު ލިއޮނާޑީ ޑިކެޕްރިއޯ އަށް 27 މިލިއަން ޑޮލަރު ލިބިގެން ހިމެނިފައިވަނީ މިލިސްޓުގެ 15 ވަނައިގަ އެވެ.

ގަދަ ދިހަކައުން ޖާގަ ލިބުނު ހޮލީވުޑްގެ ތަރިންގެ ތެރޭގައި ބެން އެފްލެކް އާއި ވިން ޑީސަލް އާއި ޓޮމް ކްރޫޒް އަދި ރޮބާޓް ޑައުނީ ޖޫނިއާ ހިމެނެ އެވެ.

މީގެ ދެދުވަސްކުރިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ބަތަލާއިންގެ ލިސްޓުވެސް ފޯބްސްއިން އާންމުކޮށްފައިވާއިރު، ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯން ވަނީ މިލިސްޓުގެ ދިހަ ވަނައިގައި ހިމެނިގެން ގޮސްފަ އެވެ. ނަމަވެސް ފާއިތުވި ބާރަ މަސްދުވަހު ދިޕިކާ އަށް ލިބުނު އާމްދަނީ އަކީ އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެކްޓަރުންގެ ލިސްޓުގެ 18 ވަނައިގައި ހިމެނުނު އަމީތާބަށް ލިބުނު އާމްދަނީގެ ދެބައިކުޅަ އެއްބަ އެވެ.

ބޮލީވުޑްގައި ބަތަލުންނާއި ބަތަލާއިންގެ މުސާރައިގެ ތަފާތުކުރުންތައް ގެންގުޅޭތީ އެކަމާ އެންމެ ގަދަޔަށް އަޑުއުފުލާ ތަރިއަކަށް ދިޕިކާ ވާނެ އެވެ.