ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ޒުވާނުންގެ ތާއީދު އޮތްކަން ދައްކަން ބޭއްވި ހިނގާލުމުގައި ބަޔަކު މޫނު ނިވާކޮށްގެން ތިބި މައްސަލަ ބަލައި ތަހުގީގުކޮށް ފިޔަވަޅު އަޅައި ދިނުމަށް އެދި އެމްޑީޕީން ދައުލަތުގެ މުއައްސަސާތަކުގައި އެދިއްޖެ އެވެ.
އެމްޑީޕީން މި ސިޓީ ފޮނުވާފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލަށާއި ފުލުހުންގެ އިދާރާއަށާއި ޕޮލިސް އިންޓެގްރެޓީ ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނާއި ހިއުމަންރައިޓްސް ކޮމިޝަނެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ސޮއި ކުރައްވާ ފޮނުވާފައިވާ އެ ސިޓީގައި ބުނަނީ މިދިއަ ހޮނިހިރު ދުވަހު ޕީޕީއެމުން އިންތިޒާމްކޮށް މަޖިލިސް މެންބަރުން ވެސް ހިމެނޭ ގޮތަށް ސަރުކާރަށް ތާއީދުކޮށް ބޭއްވި ހިނގާލުމުގައި ބައެއް މީހުން މޫނު ނިވާކޮށްގެން އެ އެއްވުމުގައި ބައިވެރިވެފައިވާ ކަމަށާއި އެފަދަ އެއްވުމެއްގައި އެއްވެސް މީހަކު މޫނު ނިވާ ކުރުމަކީ އެއްވެ އުޅުމުގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ނ) ގެ ދަށުން މަނާ ކަމެއް ކަމަށާއި ނަމަވެސް އެ އެއްވުމުގައި ވަރަށް ހާމަކަން ބޮޑުކޮށް މީހުން މޫނު ނިވާކޮށްގެން ތިބި އިރު ފުލުހުން އެކަމަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ.
އަދި ފުލުހުން މިކަމާމެދު ފިޔަވަޅު އަޅާފައި ނުވާއިރު އެކަމުގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅައި ދިނުމަށްވެސް އެދިފައި ވެއެވެ.