ހަބަރު

ޝަރީއަތް ނިމެންދެން ނަޝީދު ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި

Feb 23, 2015

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލާގައި ރާއްޖޭގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުުވާއާ ގުޅިގެން ނަޝީދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބަަހައްޓަން އަމުރުކޮށްފި އެވެ.

ނަޝީދު ކޯޓަށް ހާޒިރު ކުރުމާ އެކު ނޫސްވެރިންނާ ވާހަކަ ދައްކަވަން މަސައްކަތް ކުރެއްވުމާ އެކު ފުލުހުން ވަނީ އެ ފުރުސަތު ނުދީ ގަދަކަމުން ކޯޓަށް ވައްދައިފަ އެވެ. ނަޝީދު މީޑިއާއާ ވާހަކަ ދައްކަވަން ފެއްޓެވުމާ އެކު ފުލުހުން ނަޝީދު ކޯޓަށް ވައްދަން އުޅުމުން ނަޝީދު ވަނީ ބިންމަތީ އޮށޯވެ ވަޑައިގަތުމަށް މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް ފުލުހުން ނަޝީދު އުުފުލާލައި ގަދަކަމުން ގެންދަން އުޅުމުގެ ތެރޭގައި ގަމީހުގެ ގޮށްތައް ވެސް ނެއްޓުނެވެ.

ޝަރީއަތް ފެށުމުގެ ކުރިން ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އަނިޔާވެފައިވާ ކަމަށާއި އަތް ވެސް ބިނދިފައިވާ ކަމަށެވެ. އަދި ޝަރީއަތުގެ މަޖިލީހަށް ވެންނެވީ ކޮރު ޖައްސަވަމުންނެވެ. އަދި ޑޮކްޓަރަށް ދެއްކުމަށް ފަހުގައި ޝަރީއަތް ކުރިއަށް ގެންދަން އެދިވަޑައިގެން ނަމަވެސް ޝަރީއަތުން ވަނީ ނަޝީދުގެ މައްޗަށް ދައުވާ އިއްވުމަށް ދައުލަތުގެ ވަކީލުންނަށް އަންގަވަައިފަ އެވެ. ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ ނަޝީދަށް އަނިޔާވީ ކޯޓަށް ވަދެވަޑައިގަތުމަށް ދެކޮޅު ހައްދަވައި ބިންމައްޗަށް ވެއްޓިވަޑައިގަތުމުން ކަމަށް އެނގިވަޑައިގެންފައި ކަމަށާއި ޝަރީއަތް ފެށުން ލަސްވީ ވެސް އެހެންވެ ކަމަށެވެ. އަދި ނަޝީދަށް އަނިޔާވެފައިވާ ނަމަ ބަންދުގައި ބަހައްޓައިގެން ފަރުވާ ދިނުމަށް ވެސް ގާޒީ ފުލުހުންނަށް އަމުރު ކުރެއްވި އެވެ.

ދައުލަތުން އިއްވި ދައުވާގައި ބުނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ށ) އާއި އެ ގާނޫނުގެ ހަ ވަަނަ މާއްދާގެ (ށ)ގެ ދަށުން ދައުވާ ކުރާ ކަމަށެވެ.

ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާ އަކީ ޓެރަރިޒަމްގެ ކުށް ބަޔާންކުރާ މާއްދާ އެވެ. އެ މާއްދާގެ (ށ)ގައި ބުނަނީ މީހަކު ނުވަތަ މީހުން ކިޑްނެޕްކުުރުން ނުވަތަ ގަދަކަމުން ފޮރުވުން ނުވަތަ ރަހީނުންގެ ގޮތުގައި ހިފެހެއްޓުން ނުވަތަ މިއިން ކަމެއް ކުރަން އުޅުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށެވެ. އަދި ހަ ވަނަ މާއްދާ އަކީ އެ ގާނޫނުގެ ދަށުން ކަނޑައެޅޭ އަދަބުތަކެވެ. އެ މާއްދާގެ (ށ) ގައި ބުނަނީ މީހެއްގެ ފުރާނައަށް ގެއްލުމެއް ނުލިބޭ ޓެރަރިޒަމްގެ ކުށެއް ކުރި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ އަރުވާލުން ކަމަށެވެ. އަދި މިފަދަ ކުށެއް ކުރުމުގައި ނުވަތަ ރޭވުމުގައި ބައިވެރިވި މީހާގެ އަދަބަކީ ވެސް މިއީ އެވެ. އެ މާއްދާގައި ބުނާ ގޮތުން މިފަދަ ކުށަކަށް އެހީވެދިން މީހާ އާއި މިފަދަ ކުށެއްގެ މައުލޫމާތު ސިއްރުކުރި މީހާގެ އަދަބަކީ ތިން އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ އަރުވާލުން ކަމަށެވެ.

ނަޝީދުުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ކޯޓު ބޭރުގައި ހުންނަވާ މީޑިއާ އަށް ވިދާޅުވީ ނަޝީދަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށާއި އެކަން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ނަޝީދަށް އަނިޔާ ވެފައި ވާތީ ޑޮކްޓަރަށް ދައްކަން ބޭނުންވާތީ އެކަން ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި މިކަމުގައި ކޯޓުން އަދި ޖަވާބެއް ނުލިބޭ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

ޑިސެމްބަރު 16، 2012 ވަނަ ދުވަހުގެ ރޭ އަބްދުﷲ ގާޒީ ހައްޔަރުކޮށް، ޕްރޮސިކިއުޓާ ޖެނެރަލް އާއި ހައި ކޯޓާއި ސުޕްރީމް ކޯޓުން އަމުރު ކުރުމުން ވެސް މިނިވަން ނުކޮށް 22 ދުވަސް ވަންދެން ގިރިފުށީގައި ބަހައްޓާފައި ހުރި މައްސަލާގައި ނަޝީދުގެ މައްޗަށް ފުރަތަމަ ކުރީ ކުށް ނުކުރާ މީހަކު ގާނޫނާ ހިލާފަށް ހައްޔަރުކުރުމުގެ ދައުވާ އެވެ. ނަމަވެސް މިހާރުގެ ޕްރޮސިކިއުޓާ ޖެނެރަލް އެ ދައުވާ އަނބުރާ ގެނެސް ޓެރަރިޒަމްގެ ދައުވާ ކުރީ އެވެ.

ކުރިން ދައުވާ އުފުލީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ކަމަށް ވިޔަސް މިހާރު ދައުުވާ އުފުލާފައި ވަނީ އަބްދުﷲ ގާޒީ ހުންނަވާ ކްރިމިނަލް ކޯޓުގަ އެވެ. ނަމަވެސް މި ޝަރީއަތާ ދިމާކޮށް އަބްދުﷲ ގާޒީ ވަނީ ޗުއްޓީ ނަންގަވައިފަ އެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ނަޝީދުގެ އިތުރުން ދައުވާ އުފުލީ އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި، މިހާރުގެ ޑިފެންސް މިނިސްޓަރު އަދި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލާއި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އަދި ކާނަލް މުހައްމަދު ޒިޔާދަށެވެ. މި ބޭފުޅުންގެ މައްޗަށް ވެސް ކުރަނީ ޓެރަރިޒަމްގެ ދައުވާ އެވެ. ނަޝީދުގެ އިތުރުން ތޮލްހަތުގެ ޝަރީއަތް ވެސް މިއަދު ކުރިއަށް ގެންދިޔަ އެވެ.