ބޮލީވުޑް

ފުއްލާގެ ހަމުން ޝާހްރުކަށް ފައިވާނެއް ހެދި ޕާކިސްތާނު މީހަކު ޖަލަށް

Aug 28, 2016
2

މަޝްހޫރު ފަރާތްތަކަށް ސަޕޯޓްކުރާ މީހުން ނުވަތަ ފޭނުންގެ ތެރެއިން ބައެއް މީހުންނަކީ އެމީހެއްގެ އެންމެ ފޭވަރިޓް ތަރިއެއްގެ ސަމާލުކަން ހޯދުމަށް ކޮންމެ ފަދަ ކަމެއް ކުރަންވެސް ޖެހިލުންވާ މީހުންނެއް ނޫނެވެ.

ބޮލީވުޑްގެ މަޝްހޫރު ސުޕަސްޓާ ޝާހްރުކް ޚާންގެ ވަރަށް ބޮޑު ފޭނެއް ކަމަށްވާ ޕާކިސްތާނުގެ ބޫޓޫ ހަދާ އުމުރުން ދުވަސްވީ މީހަކު މިވަނީ އޭނާ ޝާހްރުކަށް ފުއްލާގެ ހަމުން ހެދި ފައިވާނެއްގެ ސަބަބުން ޖަލުގެ ކުޑަ ގޮޅީގައި ބަންދުކޮށްފަ އެވެ.

ޕާކިސްތާނުގެ ޕެޝާވަރްގައި ދިރިއުޅެމުން އަންނަ ޝާހްރުކްގެ ތިމާގެ ދައްތައެއް ކުރެން ޝާހްރުކް ވަނީ ދެން ފަހަރަކުން އޭނާއާ ބައްދަލުކުރުމަށް އިންޑިއާއަށް އަންނައިރު، އޭނާ އަށް ޕާކިސްތާނަށް ހާއްސަ ފައިވާނެއް ކަމަށްވާ "ޕެޝާވަރް ޗައްޕަލް" އެއް ގެނެސްދިނުމަށް އެދިފަ އެވެ.

ޝާހްރުކްގެ އެދުމުގެ މަތިން އޭނާގެ ދައްތަ، ނޫރް ޖެހާން ވަނީ ޕަޝޭވަރް ޗައްޕަލް ހެދުމަށް މަޝްހޫރު ޖަހާންގިރް ޚާންގެ ފިހާރައަށް ގޮސް އޭގެ ފައިވާނަކަށް އޯޑަރުދީފަ އެވެ. އެފިހާރައަށް ގޮސް ދެ ފައިވާނަށް އޯޑަރު ދިނުމުގެ ތެރޭގައި ނޫރް، އެފައިވާނަކީ ޝާހްރުކަށް އޭނާ ދެން އިންޑިއާއަށް ދާ ދަތުރެއްގައި ގެންދާ އެއްޗެއް ކަމަށް ބުނުމުން ޖަހާންގިރް ވަނީ އޭނާ އަކީ ޝާހްރުކްގެ ވަރަށް ބޮޑު ފޭނެއް ކަމަށް ވުމުން އެފައިވާނަކީ އޭނާގެ ފަރާތުން ޝާހްރުކަށް ލިބޭ ވަރަށް ހާއްސަ ހަދިޔާއަކަށް ހެދުމަށް ނިންމާފަ އެވެ.

އެގޮތުން ޖަހާންގިރް ވަނީ ޝާހްރުކަށް ހާއްސަކޮށް ފުއްލާގެ ހަމުން ފައިވާނެއް ތައްޔާރުކުރުމަށްފަހު، މީޑިއާގެ ބައެއް ފަރާތްތަކުގައި ފުއްލާގެ ހަމުން ހަދާފައިވާ ފައިވާނެއް އޭނާ ޝާހްރުކަށް ފޮނުވަން އުޅޭ ކަމަށް ބުނެފަ އެވެ.

ޝާހްރުކްގެ ދައްތަ ނޫރަށް ޖަހާންގިރް މިފައިވާން ހަވާލުކުރާ ބައެއް ފޮޓޯތައް ދައުރުވާން ފެށުމުން، ޕެޝާވަރީގެ ވައިލްޑް ލައިފް ޑިޕާޓްމަންޓްގެ އޮފިޝަލުން ވަނީ މިފައިވާން ހޯދުމަށްފަހު އޭނާއާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހަޅާފަ އެވެ. އަދި ފުލުހުން ވަނީ ޖަހާންގިރް ހައްޔަރުކޮށް ބަންދުގައި ބަހައްޓާފަ އެވެ.

ވައިލްޑް ލައިފްގެ އޮފިޝަލަކު ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން ޖަހާންގިރް ހެދި ފައިވާން މިހާރު އެމީހުން އަންނަނީ އެއީ ފުއްލާގެ ހަމުން ހަދާފައިވާ ފައިވާނެއްތޯ ޓެސްޓްކުރަމުން ކަމަށެވެ. އެގޮތުން އެފައިވާނަކީ ފުއްލާގެ ހަމުން ހަދާފައިވާ ފައިވާނެއް ނަމަ އޭނާގެ މައްޗަށް ޖޫރިމާނާއެއް ދައްކަން އައުމުގެ އިތުރުން ވައިލް ލައިފްގެ ގާނޫނުގައި އެކަމަށް ކަނޑައެޅިފައި އޮންނަ އަދަބުވެސް އޭނާ އަށް ލިބޭނެ ކަމަށް ބުނެފަ އެވެ.

"ފައިވާނު ހަދާފައިވަނީ ފުއްލާހެ ހަމުންކަން ނުވަތަ ނޫންކަން އިނގޭނެ ހޯމަ ދުވަަހު ލިބޭ ނަތީއްޖާއިން" އޮފިޝަލު ބުނެފައިވެ އެވެ.

ޖަހާންގިރް މިހާރު ފުލުހުންގެ ހައްޔަރުން ދޫކޮށްލާފަ އެވެ.