ބޭރު ކުޅިވަރު

ސިޓީގެ އަގުބޮޑު ޓްރެއިިނިން ކޮމްޕްލެކްސް ރަސްމީކޮށް ހުޅުވައިފި

Dec 9, 2014

މެންޗެސްޓާ (ޑިސެމްބަރު 9) – މެންޗެސްޓާ ސިޓީން 200 މިލިއަން ޕަައުންޑް ހޭދަކޮށްގެން ހެދި ޓްރެއިނިން ކޮމްޕްލެކްސް ރަސްމީކޮށް އިއްޔެ ހުޅުވައިފި އެވެ.

ސިޓީން 80 އޭކަރު ބޮޑު ސަރަހަދެއްގައި ގާއިމްކުރި ޒަމާނީ ޓްރެއިނިން ކޮމްޕްލެސްގައި 7000 މީހުން ޖާގައިގެ ސްޓޭޑިއަމްއަކާއި ތައުލީމަށް ބޭނުންވާ ފެސިލިޓީޒްތަކާއި މެޑިކަލް އަދި ސްޕޯޓްސް ސައިންސަސްގެ ފެސިލިޓީޒްތައް ހިމެނެ އެވެ.

މިއީ ޔޫއޭއީގެ މަހުޖަން ޝޭހު މަންސޫރު 2008 ވަނަ އަހަރު ސިޓީއާ ހަވާލުވެވަޑައިގަތްއިރު، ފެއްޓެވި ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ހުރިހާ ހަރަދެއް ބެލެހެއްޓީ ސިޓީގެ ވެރިޔާ އެވެ. ސިޓީން މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔައީ މެންޗެސްޓާ ސިޓީ ކައުންސިލާ ގުޅިގެންނެވެ.

މި ޓްރެއިނިން ކޮމްޕްލެކްސްގައި ކުޅުންތެރިންނަށް ވީޑިއޯ ކްލިޕްސް ދައްކައި، ދިރާސާ ކުރުމަށް 56 މީހުން ޖާގައިގެ އޮޑިޓޯރިއަމްއެއް ވެސް ވަނީ ހަދައިފަ އެވެ. މީގެ އިތުރުން ހަތަރު ތަރީގެ އެކޮމަޑޭޝަން ބްލޮކްތަކާއި 16.5 ޕިޗު ވަނީ އެ ކޮމްޕްލެކްސްގައި ހިމަނައިފަ އެވެ.  

ސިޓީގެ ސީނިއާ ޓީމުން އޮކްޓޯބަރު މަހުން ފެށިގެން މި ކޮމްޕްލެސް ބޭނުންކުރެ އެވެ. އަމިއްލަ ދަނޑުގައި ސިޓީން ކުޅޭ މެޗުތަކުގެ ކުރިން އެ ޓީމުގެ ކުޅުންތެރިން ކޭމްޕްކުރަނީ އެ ކޮމްޕްލެކްސްގެ މަތީ ފެންވަރުގެ އެކޮމަޑޭޝަން ބްލޮކްތަކުގަ އެވެ.

ސިޓީގެ ޓްރެއިނިން ކޮމްޕްލެކްސް ވަނީ އެ ކްލަބްގެ އިއްތިހާދު ސްޓޭޑިއަމްއާ ބްރިޖަކުން ގުޅާލައިފަ އެވެ. އަދި ސިޓީގެ އަންްހެން އަދި ފިރިހެން ސީނިއާ ޓީމުތަކާއި ޖޫނިއާ ޓީމުތަކުން ދެން ބޭނުންކުރާނީ މި ޓްރެއިނިން ކޮމްޕްލެކްސް އެވެ.

"އަހަރެން ޒުވާން ކުޅުންތެރިން ނުވަތަ ސީނިއާ ޓީމަށް ވެސް ކުޅުންތެރިން ހޯދަން މަސައްކަތްކުރާއިރު މި ޓްރެއިނިން ފެސިލިޓީގެ ސަބަބުން އަހަރެމެންނަށް އެޑްވާންޓޭޖްތަކެއް ލިބޭނެ،" ސިޓީގެ އެލީޓް ޑިވެލޮޕްމަންޓް ސްކޮޑް ހިންގުމާ ހަވާލުވެހުރި ސިޓީ އާއި އާސެނަލްގެ ކުރީގެ މިޑްފީލްޑަރު ޕެޓްރިކް ވިއޭރާ ބުންޏެވެ. "މި ޓްރެއިނިން ކޮމްޕްލެކްސް އަކީ ތަފާތު ފެންވަރެއްގެ ތަނެއް. މި ފެންވަރުގެ ތަނެއް އަހަރެން އަދި ތަޖުރިބާއެއް ނުކުރަން." -- ބީބީސީ