- ޖޫން- ޖުލައިގެ އަގުތައް 0.1 ޕަސެންޓުގައި
- މަތިވި މިންވަރު 0.2 އަށް ވެއްޓިފައި
- އާއްމު ބައެއް ބާވަތްތަކުގެ އަގުތައް ދަށަށް
ރާއްޖޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގުތައް މައްޗަށް ނުގޮސް ހިފެހެއްޓިފައި ހުންނަތާ ދެ މަސްވެފައިވާ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މަހަކު އެއް ފަހަރު މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނެރޭ "އިގްތިސާދީ ރިވިއު" ގެ މިދިޔަ މަހުގެ އަދަދުގައިވާ ގޮތުން މަހުން މަހަށް ބަލާއިރު ބާޒާރުގެ އަގުތައް ޖޫން މަހާއި ޖުލައި މަހު ހުރީ 0.1 ޕަސެންޓުގައި ހިފެހެއްޓިފަ އެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި އަހަރުން އަހަރަށް ބަލާއިރު މެއި މަހު ތަކެއްޗާއި ހިދުމަތުގެ އަގުތައް މަތިވި މިންވަރު 0.8 ޕަސެންޓުގައި ހުރުމަށްފަހު ވަނީ 0.2 ޕަސެންޓަށް ވެއްޓިފަ އެވެ.
"ޖޫން މަހު އިންފްލޭޝަން ރޭޓް ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ކާބޯތަކެތީގެ އަގުތައް ދަށަށް ދިއުމެވެ. މި މުއްދަތުގައި ފަރުނީޗަރުގެ އަގުތައްވެސް ވަނީ ދަށަށް ގޮސްފަ އެވެ،" އެމްއެމްއޭ އިން ބުނެފައިވެ އެވެ.
މަހުން މަހަށް ބަލާއިރު ޖޫން މަހު ތަކެއްޗާއި ހިދުމަތުގެ އަގަށް ބަދަލެއް އައިސްފައެއް ނުވެ އެވެ. މި މަހު ތަކެއްޗާއި ހިދުމަތުގެ އަގު ވަނީ 0.1 ޕަސެންޓުގައި ހިފެހެއްޓިފަ އެވެ. މީގެ މައިގަނޑު ސަބަބަކީ ފަރުނީޗަރާއި ތަކެތީގެ އަގުތައް މައްޗަށް ދިޔަ ނަމަވެސް ކާބޯތަކެތީގެ އަގުތައް ދަށަށް ދިއުމެވެ.
ރާއްޖޭގެ ބާޒާރުގައި އަގުތައް ދަށަށް ދިޔަނަމަވެސް ދުނިޔޭގެ ބާޒާރުގައި އަގުތައް ވަނީ މަތިވެފަ އެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ކޮމޯޑެޓީ އިންޑެސްޓް ދައްކާ ގޮތުގައި މައި މަހާއި އަޅާ ބަލާއިރު ޖޫންމަހުގެ އަގުތައް ވަނީ ތިން ޕަސެންޓް މަތިވެފަ އެވެ. ނަމަވެސް އަހަރުން އަހަރަށް ބަލާއިރު ދުނިޔޭގެ ބާޒާރުގެ އަގުތައް ވަނީ 14 ޕަސެންޓް ދަށަށް ގޮސްފަ އެވެ. މީގެ މައިގަނޑު ސަބަބަކީ ތެލުގެ އަގު ދަށަށް ދިއުމެވެ.