ވިޔަފާރި

މޭކް މައި ޓްރިޕް ގެސްޓް ހައުސް ކޮންފަރެންސް އަށް

Aug 29, 2016
  • ގެސްޓް ހައުސް ކޮންފަރެންސް އަންނަ މަހު 24 ގައި
  • ކޮންފަރެންސުގައި 500 ގެސްޓް ހައުސް
  • ބޮޑެތި ކުންފުނިތަކުން ބައިވެރިވޭ

އިންޑިޔާގެ އެންމެ ބޮޑު އޮންލައިން ބުކިން ވެބްސައިޓް ކަމަށްވާ "މޭކްމައި ޓްރިޕް" ގެސްޓް މޯލްޑިވްސް ހައުސް ކޮންފަރެންސުގައި ބައިވެރިވެއްޖެ އެވެ.

އަންނަ މަހުގެ 24 ވަނަ ދުވަހު ދަރުބާރުގޭގައި ބާއްވާ ގެސްޓް ހައުސް މޯލްޑިވްސް ކޮންފަރެންސު އިންތިޒާމު ކުރާ ގެޓް އަވޭސް މޯލްޑިވްސް އިން ބުނީ ފްލައިޓްތަކުގެ ރިޒަވޭޝަން ހެއްދުމާއި ހޮޓާ/ ރިސޯޓު ޕެކޭޖުތައް ވިއްކާ މޭކްމައި ޓްރިޕުން ބައިވެރިވުމަކީ ކޮންފަރެންސް ކާމިޔާބުވާނެކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

"މޭކްމައި ޓްރިޕް" އަކީ އޮންލައިންކޮށް ރިޒަވޭޝަން ހެދުމާއި ޕެކޭޖު ވިއްކުމަށް އިންޑިޔާގައި އެންމެ މަގުބޫލު ސައިޓެވެ. މި ސައިޓުގެ އޮފީސްތައް އިންޑިޔާގެ 50 ސިޓީއެއްގައި ހުންނައިރު، މި ސައިޓުގެ އޮފީސްތައް އެމެރިކާގެ ނިއުޔޯކާއި ސިޑްނީގައި ވެސް ހުރެ އެވެ.

ރާއްޖޭގެ ގެސްޓް ހައުސްތަކުގެ ވެރިންނާއި އިސް ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ދިމާވާނެ މި ބޮޑު ބައްދަލުވުމުގެ ޕާޓްނަރުގެ ގޮތުގައި 150 ފަރާތެއް ވެސް ވަނީ ބައިވެރިވެފަ އެވެ. މި ކޮންފަރެންސުގެ އޮންލައިން ޕާޓްނަރަކީ "އަވަސް އޮންލައިން" އެވެ.

ގެސްޓް ހައުސް ވިޔަފާރިއަކީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ފުޅާކޮށް ކުރިއަށްދާ ވިޔަފާރި އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 500 ގެސްޓް ހައުސްއެއް ވަނީ ހުޅުވާފަ އެވެ. ގެސްޓް ހައުސްތައް ރާއްޖޭގެ 80 ރަށެއްގައި ހިންގަމުންދާއިރު އެނދުގެ އަދަދު 5،000 އަށް އަރަ އެވެ.