ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުގައި ފުލުހުން އަމަލުކުރީ ރަހުމް ކުޑަ ގޮތަކަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން(އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދު މިއަދު ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ވައްދަން އުޅުމުން ހިނގި ހަމަނުޖެހުންތަކުގައި އެމަނިކުފާނަށް ވަނީ އަނިޔާތަކެއް ލިބިފަ އެވެ.
އެކަމާ ގުޅިގެން އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ނަޝީދު ކޯޓަށް ހާޒިރު ކުރުމުގައި ފުލުހުން ނަހަމަ ގޮތުގައި ބާރުގެ ބޭނުންކޮށް، ނަޝީދާ މެދު ރަހުމް ކުޑަ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށެވެ. އަދި އެކަން އެ ކޮމިޝަނުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އެ ހަމަނުޖެހުންތަކުގައި ނަޝީދަށް ލިބިވަޑައިގެންފައިވާ އަނިޔާތަކަށް މިހާރު މިހާރަކަށް ބޭސް ފަރުވާކޮށް ދިނުމަށާއި ގާނޫނީ ވަކީލެއްގެ އެހީތެރިކަމާއި ގާނޫނުތަކުން ލިބިދޭ ހުރިހާ ރައްކާތެރިކަމެއް ނަޝީދަށް ދިނުމަށް ވެސް އެ ބަޔާނުގައި އެޗްއާރުސީއެމުން ގޮވާލާފައިވެ އެވެ.
މިއަދުގެ އަޑުއެހުމުގައި ނަޝީދު ވާހަކަ ދެއްކެވީ ވެސް ވަކީލެއް ނެތި އަމިއްލައަށެވެ. ވަކީލަކު ހަމަޖެއްސުމަށާއި މައްސަލަ ދިރާސާ ކުރަން ވެސް އެމަނިކުފާނަށް ކޯޓުން ދިނީ އެންމެ ތިން ދުވަހެވެ. އަދި ވަކީލެއްގެ އެހީތެރިކަން ނުލިބެނީސް ނަޝީދު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ މިއަދު އަމުރުކޮށްފަ އެވެ.