ވިޔަފާރި

މޯލްޑިވިއަންގެ ފަސްވަނަ ސީޕްލޭން މާދަމާ ގެންނަނީ

Feb 24, 2015

މޯލްޑިވިއަންގެ ފަސްވަނަ ސީޕްލޭން މާދަމާ މާލެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު ވިދާޅުވީ އެ ކުންފުނިން ގެންނަ މޫދަށް ޖައްސާ ފަސްވަނަ ބޯޓު މާދަމާގެ ވަގުތެއްގައި ރާއްޖެ އަންނާނެ ކަމަށެވެ.

"މި ބޯޓުގެ އިތުރުން ވެސް މި އަހަރު އިތުރު ސީޕްލޭނެއް ރާއްޖެ ގެނައުމަށް ހަމަޖެހިފައިވޭ،" ނަޝާތު ވިދާޅުވި އެވެ.

މި ބޯޓުވެސް ގެންނަނީ ކެނެޑާގެ ކަލްގަރީއިންނެވެ.

ސީޕްލޭންގެ ދަތުރުތައް ފުޅާ ކުރަމުން ގެންދާ މޯލްޑިވިއަންއިން ވަނީ ހަތަރު ބޯޓެއް ރާއްޖެ ގެނެސްފަ އެވެ. އަދި މި ދަތުރުތަކަށް ހާއްސަކޮށްގެން އެ ކުންފުނިން ވަނީ ހާއްސަ ޓާމިނަލެއް ވެސް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާފަ އެވެ.

މޯލްޑިވިއަންއިން ބުނީ އެ ކުންފުނިން އެންމެ ފަހުން ގެނައި މޫދަށް ޖައްސާ ބޯޓުގެ ދަތުރުތައް މިހާރު ފަށާފައިވާ ކަމަށެވެ. މި ބޯޓު ބޭނުން ކުރަމުން އަންނަނީ ހއ. އާއި ބ. އަދި ދ އަތޮޅާއި ތ. އަތޮޅުގެ ބައެއް ރިސޯޓްތަކަށް ޓޫރިސްޓުން ގެނައުމަށެވެ.

ސީޕްލޭންގެ ފްލީޓް މޯލްޑިވިއަން އިން އިތުރު ކުރަމުންދާއިރު، މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތައް ވެސް މިހާރު ވަނީ އިތުރުކޮށްފަ އެވެ. އެ ކުންފުނިން އެންމެ ފަހުން ގެނައި 200 ގޮނޑީގެ އެއާބަސް އޭ-321 މަރުކާގެ ބޯޓު ބޭނުން ކޮށްގެން ޗައިނާގެ އިތުރު ތިން މަންޒިލަކަށް މިހާރު ވަނީ ދަތުރުތައް ފަށާފަ އެވެ.