ދުނިޔެ

އެންމެފަހުން ބްރެޒިލްގެ ރައީސްކަމުން ރޫސަފް ވަކިކޮށްފި

Aug 31, 2016

ބްރަސީލިއާ (31 އޯގަސްޓް) - ގަވާއިދާ ހިލާފަށް މަގާމުގެ ބާރާއި ނުފޫޒު ބޭނުންކުރެއްވި ކަމަށް ކަނޑައަޅައި ބްރެޒިލްގެ ރައީސްކަމުން ދިލްމާ ރޫސަފް ބޭރުކޮށްފި އެވެ.

ބްރެޒިލްގެ ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓެއްގައި ރޫސަފް މަގާމުން ދުރުކޮށްފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ބަޖެޓާ ކުޅުއްވައި އަމިއްލަ މަސްލަހަތަށް ފައިދާކުރާނެ ސިޔާސީ މާހައުލެއް ތަނަވަސްކުރެއްވުމަށް މަސައްކަތްކުރެއްވިކަމުގެ ކުށުގަ އެެވެ. ރޫސަފްއާ ދެކޮޅަށް ނެގި ވޯޓްގައި މަޖިލީހުގެ 60 މެމްބަރުން ވޯޓު ދެއްވިއިރު އެއީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި އަޣުލަބިއްޔަތެވެ.

ރޫސަފް މަގާމުން ދުރުކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވީ 20 މެމްބަރުންނެވެ.

މި ނިންމުމާ އެކު އެންމެ ބޮޑު ގެއްލުމެއް ލިބިގެން ދަނީ ފާއިތުވި 13 އަހަރު ބްރެޒިލްގައި ވެރިކަންކުރި ވާތު ފިޔައިގެ ވޯކާސް ޕާޓީއަށެވެ. އެމީހުންނަށް ވެރިކަން ގެއްލިފައިވާއިރު ރޫސަފްގެ ނައިބެއްގެ ގޮތުގައި، ރައީސްކަމާ ދެން ހަވާލުވެ ވަޑައިގަންނަވާނީ މިކެލް ޓެމާ އެވެ.

ރޫސަފް ރައީސް ކަމުން ވަކިކުރިއިރު މި އަހަރުގެ މެއި މަހުން ފެށިގެން އޭނާ ހުރީ މަގާމުން ސަސްޕެންޑް ވެސްކޮށްފަ އެވެ. ރޫސަފް އަކީ ބްރެޒިލްގައި ރައީސްކަން ކުރެއްވި ފުރަތަމަ އަންހެން ލީޑަރެވެ. ވެރިކަމުން ދުރުކޮށްފައި މި ވަނީ އެކަމަނާގެ ދެ ވަނަ ދައުރު ނިމުމަކަށް އަންނަން އުޅެނިކޮށެވެ. ދައުރު ނިމޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އެވެ.

ކޮށްފައިވާ ތުހުމަތަށް ރޫސަފް ދެކޮޅުހައްދަވާއިރު އޭނާގެ ސަޕޯޓަރުން ބުނަނީ މިއީ އިދިކޮޅު ފަރާތްތައް ގުޅިގެން ހިންގާފައިވާ ބަޣާވާތެއް ކަމަށެވެ.