ދުނިޔެ

އީރާނާ މެދު ނަތަންޔާހޫ ދެކެނީ ޖާސޫސުން ބުނާ ގޮތަކަށް ނޫން

Feb 24, 2015

އީރާންގެ ނިއުކްލިއާ މަޝްރޫއު ވަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ގާތަށް ތަރައްގީކޮށްފައި ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ވިދާޅުވި ނަމަވެސް އެއީ އިޒްރޭލުގެ ޖާސޫސުން އެކަމުގައި ގަބޫލުކުރާ ގޮތް ނޫންކަން ލީކުވި ޑޮކިއުމަންޓްތަކަކުން ހާމަވެއްޖެ އެވެ.

ނަތަންޔާހޫ 2012 ވަނަ އަހަރު އދ.ގައި ވިދާޅުވެފައި ވަނީ "އަންނަ އަހަރު ބޮމެއް އުފައްދަފާނެ" ކަމަށާއި އީރާންގެ ނިއުކްލިއާ މަސައްކަތް ވަގުތުން ހުއްޓުވަން ޖެހިފައިވާ ކަމަށެވެ. ނަމަވެސް އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑަށް ލިބިފައިވާ މައުލޫމާތުން ދައްކަނީ "ހަތިޔާރު އުފެއްދުމަށް އެކަށީގެންވާ ބާރުމިނެއްގައި މަސައްކަތް ކުރިއަށް ނުދާ" ކަމަށެވެ. މިކަން ހާމަވެފައި ވަނީ އަލްޖަޒީރާ އާއި ގާޑިއަން އިން ހާމަކޮށްފައިވާ ލިޔުންތަކަކުންނެވެ.

ނަމަވެސް އިޒްރޭލުގެ އޮފިޝަލަކު ވިދާޅުވީ ޖާސޫސީ މައުލޫމާތާ ބޮޑުވަޒީރުގެ ވާހަކައާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ.

ނަތަންޔާހޫ 2012 ވަނަ އަހަރު އދ.ގައި ތަގުރީރު ކުރެއްވި އިރު ބޮމެއް ކުރަހާފައިވާ ކަރުދާހެއް ނަންގަވައި، އީރާންގެ ނިއުކްލިއާ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބު ކަމަށް ވިދާޅުވެ "ރަތް ރޮނގެއް" ދަމާލެއްވި އެވެ. ނަމަވެސް ނަތަންޔާހޫ ވިދާޅުވި ވަގުތު ފަހަނަޅައި ދިޔައިރު ވެސް އީރާނުން ނިއުކްލިއާ އެއްވެސް ޓެސްޓެއް ކުރި ކަމެއް އެނގިފައެއް ނުވެ އެވެ.

އަލްޖަޒީރާ އާއި ގާޑިއަން އަށް ލިބިފައިވާ މޮސާޑުގެ ސިއްރު ލިޔުންތަކުގައި ބޮޑަށް ވަނީ ދެކުނު އެފްރިއާއާ އެކު ކޮށްފައިވާ މުއާމަލާތްތަކެވެ. އެ ލިޔުންތަކުން ހާމަވެފައިވާ ގޮތުގައި އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ އިން ވަނީ، ހަމާސްއާ ގުޅުން ކަނޑާލުމަށް ރަސްމީކޮށް ނިންމާފައި ވިޔަސް އެހެން ކޮޅުތައް ބޭނުންކޮށްގެން ހަމާސް މެދުވެރިކޮށް ކަންކަން ކުރަން އުޅެފަ އެވެ. އަދި އެމެރިކާގެ ބާރުއެޅުމުގެ މަތިން ދެކުނު އެފްރިކާ އިން ވަނީ އީރާނުގެ ޖާސޫސުން ކަމަށް ތުހުމަތުކުރެވޭ މީހުންގެ ހަރަކާތްތަކަށް ފާރަލައިފަ އެވެ. އަދި އުތުރު ކޮރެއާ އަށް ޖާސޫސަކު ފޮނުވަން އިނގިރޭސި ވިލާތުގެ ޖާސޫސީ އިދާރާ އިން ދެކުނު އެފްރިކާގައި އެދުނެވެ.