ހަބަރު

ނަޖީބް ފައިސާ ދިން، އެއީ ހަޑި ވާހަކައެއް ވީމަ ކިޔައެއް ނުދޭނަން: މުއްރަތު

ގާނޫނީ ވަކީލް އަހްމަދު ނަޖީބުގެ ކާޑުގެ ޕިން އޭނާ އަށް ބިރުދައްކައިގެން ހޯދުމަށް ފަހު ފައިސާ ނެގި ކަމަށް ކުރިން ބުނެފައި ވިޔަސް އެއީ ނަޖީބް ރިޝްވަތުގެ ގޮތުގައި ދިން ފައިސާއެއް ކަމަށް ނަޖީބު މަރުގެ މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ އަހްމަދު މުއްރަތު ބުނެފި އެވެ.

ފާތިމަތު ހަނާއާ ދެ މީހުން ރާވައިގެން ކަމަށެވެ. ނަޖީބް މަރާލީ މުއްރަތު ބުނި ގޮތުގައި އޭނާއެއް ނޫނެވެ. މުއްރަތު ބުނި ގޮތުގައި ނަޖީބް މަރާލި ކަމަށް ބުނާ ރޭ އޭނާ ގޭގައި ނޫޅޭނެ އެވެ. އޭނާ ގެއަށް ދިޔައީ ޖެހިގެން އައި ދުވަހުގެ ހެނދުނު ކަމަށާއި އޭރު ނަޖީބް މަރާލާފައި އޭނާގެ ކޮޓަރީގައި އޮތް ކަމަށް މުއްރަތު ބުންޏެވެ.

ނަޖީބް މަރާލުމުގެ ކުށުގައި މުއްރަތު މަރަން ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުމުގައި ހައި ކޯޓުގެ ފަނޑިޔާރުން ކުރި ސުވާލުތަކުގެ ޖަވާބުގައި މުއްރަތު ބުނީ ނަޖީބް މަރާލީ އޭނާ ނޫން ކަމަށާއި އެކަން ކުރި މީހަކު އޭނާއަށް ނޭނގޭ ކަމަށެވެ. ނަމަވެސް ނަޖީބްގެ ހަށިގަނޑު ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރި ތެރެއިން ކަމަށްވާތީ ފުލުހުން އައިސްފި ނަމަ އެކަމުގެ ޒިންމާ އޭނާ ނަގަން ހަނާއާ ދެ މީހުން ރާވައި އެކަމަށް އެއްބަސްވީ ކަމަށް ބުންޏެވެ.

ނަޖީބް މަރާލާފައި ނުވާނެ ކަމަށް މުއްރަތު ބުނި ނަމަވެސް އޭނާ ވަނީ ނަޖީބްގެ ހަށިގަނޑު އޭނާގެ ކޮޓަރިން ފެނުނު ކަމަށާއި އަދި އެ ހަށިގަނޑު ލުމަށް ޑަސްބިނެއް ގަތް ކަމަށް އެއްބަސްވެފަ އެވެ. އަދި އެ ހަށިގަނޑު ނައްތާލަން އެހެން މީހުންނާ މަޝްވަރާ ކުރި ކަމަށް ވެސް މުއްރަތު މިއަދު ވަނީ ހައި ކޯޓުގައި އެއްބަސްވެފަ އެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ އެ މައްސަލައާ ގުޅިގެން ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް ދެއްކުމުގެ ފުރުސަތު މުއްރަތަށް ދިނުމަށް ފަހު އެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުން އެ މައްސަލައާ ގުޅިގެން ވާހަކަ ދެއްކުން ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.

ޖުލައި، 2012 ގައި ނަޖީބް މަރާލިކަން ސާބިތުވާތީ މުއްރަތާއި ހަނާ މެރުމަށް ދަށު ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ހަނާ މެރުމަށް ކުރި ހުކުމް ވެސް ދައުލަތުން ވަނީ އިސްތިއުނާފްކޮށްފަ އެވެ.