ބޭރު ކުޅިވަރު

ޔޫރޮޕާ ލީގު ސްކޮޑުން ސްވައިންސްޓައިގާ ބާކީކޮށްފި

މެންޗެސްޓާ ޔުނައިޓެޑުގެ ޔޫރިޕާ ލީގު ސްކޮޑުން ސްވައިން ސްޓައިގާ ބާކީކޮށްފި އެވެ.

ޖަރުމަނުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓީމުން ބާކީކުރީ ޕްރެމިއާ ލީގުގައި ވާދަކުރާ ޓީމުގައި ހިމެނުމަށްފަހު އެވެ. ނަމަވެސް ކޯޗު ހޯސޭ މޮރީނިއޯ ވަނީ އޭނާ އެހެން ކުލަބެއް ހޯދަން އެދިފަ އެވެ. ނަމަވެސް ޓްރާންސްފާ މާކެޓް ނިމުނުއިރު އެކަން ނުވުމުން ޕްރެމިއާ ލީގުގައި ވާދަކުރާ ޓީމުގައި ހިމެނީ އެވެ. އެއީ ސީނިއާ ބައެއް ކުޅުންތެރިންގެ ތެރޭގައި 21 އަހަރުން ދަށުގެ ޓީމުގެ ބައެއް ކުޅުންތެރިން ހިމެނޭތީ އެވެ.

ޔޫރޮޕާ ލީގު ސްކޮޑުން ބާކީކުރި ނަމަވެސް ސްވައިންސްޓައިގާ، 32، ބުނީ މެންޗެސްޓާ ޔުނައިޓެޑުގެ ދަނޑުގައި އަލުން ކުޅެ ސަޕޯޓަރުން އުފާކޮށްދޭން އޭނާ ބޭނުންވާ ކަމަށެވެ. އަދި އެއްވެސް މީހަކަށް ކުރިމަގުގައި ކަންކަންވާނެ ގޮތެއްނޭނގޭނެ ކަމަށާއި ޓީމުން ޖާގަ ހޯދަން އޭނާ މަސައްކަތް ކުރާނެ ކަމަށެވެ.

ނަމަވެސް 121 މެޗުން 24 ގޯލު ޖަހާދީފައިވާ ޖަރުމަނުގެ ކުރީގެ ކެޕްޓަނަށް މެޗެއް ކުޅެން ފުރުސަތު ލިބުން ވަރަށް ދުރު ކަމަށް ކޯޗު މޮރީނިއޯ ބުނެ އެވެ.

"އެންމެ ދެ މަގާމަށް އަހަރެންގެ އެބަތިބި ފަސް ކުޅުންތެރިން އޭނާ އަށްވުރެ ކުރީގައި. މިހެންވެ ފުރުސަތު ލިބުމަކީ ވަރަށް ދުރުކަމެއް،" މޮރީނިއޯ ބުންޏެވެ.

އެކުޅުންތެރިންނަކީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ޕައުލް ޕޮގްބާ އާއި މަރައުނޭ ފެލައިނީ އާއި އެންޑާ ހެރޭރާ އާއި މޯގަން ސްނައިޑާލިން އަދި މައިކަލް ކަރިކެވެ.