ބޭރު ކުޅިވަރު

މެގުއަޔާ ކުޅެނީ އަހަރަމެން ބޭނުންވާ ގޮތަށް: މެނޭޖަރު އެރިކް

އިންގްލޭޑްގެ ފުޓުބޯޅަ ކުޅުންތެރިޔާ ހޭރީ މަގުއަޔާ ކުޅެނީ މެންޗެސްޓާ ޔުނައިޓެޑުން ބޭނުންވާ ގޮތަށް ކަމަށް އެ ޓީމުގެ މެނޭޖަރު އެރިކް ޓެން ހަގް ބުނެފި އެވެ.

އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ ވަނީ ބްރެންޓްފޯޑާ ވާދަކުރި މެޗާއި ޝެފީލްޑް ޔުނައިޓެޑާ ވާދަކުރި މެޗުގައިވެސް 2-1 އިން މެންޗަސްޓާ ޔުނައިޓެޑް މޮޅުކޮށްދިނުމަށް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

މެންޗަސްޓާގެ މެނޭޖަރު އެރިކް މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ މެގުއަޔާގެ އަތުން ޓީމުގެ ކެޕްޓަން ބޭންޑް އަތުލާފަ އެވެ. އެގޮތަށް އޭރު އަމަލުކުރީ އޭނާ ވެސްޓް ހޭމް އަށް ބަދަލުވާން އުޅޭ ކަމަށް އެރި އަޑުތަކާ ގުޅިގެން ފިޔަވަޅު އެޅުމުގެ ގޮތުންނެވެ.

"އަހަރެން އުފާކުރަން އޭނާގެ ކުޅުމާ މެދު" އިންގްލޭޑްގައި އޮންނަ ބްރަމަލް ލޭން ދަނޑުގައި މެގުއަޔާ އެންމެ ފަހުން ކުޅުނު މެޗުގައި ދެއްކި މޮޅު ކުޅުމަށް ތައުރީފްކޮށް ޓެން ހެގް ބުންޏެވެ.

"މަގުއަޔާ ކުޅެނީ އަހަރެމެން ބޭނުންވާ ގޮތަށް. ވަރަށް ޕްރޯއެކްޓިވް، އިދިކޮޅު ޓީމަށް ޑޮމިނޭޓް ކުރާ، އެންމެ ބޭނުންވާ ވަގުތުގައި ގޭމުގެ ތެރެއަށް ވަދެ ފުރިހަމަ ކުޅުމެއް ދައްކާ ކުޅުންތެރިއެއް [މަގުއަޔާ] އަކީ،" ޓެން ހެގް ބުންޏެވެ.

މަގުއަޔާ ކިތަންމެ މޮޅަށް ކުޅުނު ނަމަވެސް މިދިޔަ އަހަރު އައިވަރީ ކޯސްޓާއި ޖަރުމަނާ ދެކޮޅަށް ގައުމީ ޓީމުގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި އާއި މިދިޔަ ދެ ސީޒަނުގައި ގައުމުން ބޭރުގައި ކުޅުނު ޕްރީ ސީޒަން އެކުވެރިކަމުގެ މެޗުތަކުގައިވެސް ޔުނައިޓެޑް ސަޕޯޓަރުން ވަނީ އޭނާއާއި ދިމާލަށް އެއްޗެހި ގޮވާފަ އެވެ.