ކުޅިވަރު

ޔޫރަޕްގައި ޔުނައިޓެޑަށް ބޮޑު މޮޅެއް، އާސެނަލް އެއްވަރު

ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ރެއާލް ބެޓިސް އަތުން 1-4 އިން މޮޅުވިއިރު ރަށުން ބޭރުގައި އާސެނަލް، ސްޕޯޓިން ލިސްބަންއާ ވާދަކުރި މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ.

ޔުނައިޓެޑް ރޭ ވަނީ ބެޓިސްއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައި ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދާފަ އެވެ. ގަދަ 16 ގެ ފުރަތަމަ ލެގްގައި ލިބުނު ބޮޑު މޮޅާ އެކު މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ޔުނައިޓެޑް ހޯދުމުގެ ފުރުސަތު ބޮޑެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު ކުރީކޮޅު ޖަހައިދިނީ މާކަސް ރަޝްފޯޑް އެވެ. މިއީ ރަނގަޅު ފޯމެއްގައި ހުރި ރަޝްފޯޑް މި ސީޒަނުގައި ޖެހި 26 ވަނަ ގޯލެވެ. ޔޫރަޕްގެ ލަނޑު ލިސްޓުގައި ރަޝްފޯޑަށް ވުރެ ކުރީގައި އޮތީ މެންޗެސްޓާ ސިޓީގެ އާލިން ބްރައުޓް ހާލަންޑާއި ޕީއެސްޖީގެ ކިލިއަން އެމްބާޕޭ އެވެ.

ޔުނައިޓެޑް ލީޑުގައި އޮއްވައި ފުރަތަމަ ހާފުގައި ބެޓިސްގެ އަޔޯޒޭ ޕެރޭޒް ވަނީ ގޯލެއް ޖަހައި އެއްވަރުކޮށްފަ އެވެ. އެކަމަކު ދެވަނަ ހާފުގައި ނުކުމެ ޔުނައިޓެޑުން ވަނީ މެޗުގެ ނަތީޖާ އަނބުރާލާފަ އެވެ.

ޔުނައިޓެޑްގެ ދެވަނަ ގޯލު ޖެހީ އެންޓަނީ އެވެ. އޭގެފަހުން އެޓީމަށް ލީޑު ފުޅާކޮށްދިން ގޯލު ބޮލުން ޖެހީ ބްރޫނޯ ފެނާންޑޭސް އެވެ. ޔުނައިޓެޑްގެ ފަހު ގޯލު މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ ވައުޓް ވެގްހޯސްޓް އެވެ. މިއީ ލޯނު އުސޫލުން ޖެނުއަރީ މަހު ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ވެގްހޯސްޓް ޖެހި ދެވަނަ ގޯލެވެ. އަދި، ޔުނައިޓެޑް ދަނޑުގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ.

ރޭ އާސެނަލްއާ ދެކޮޅަށް ސްޕޯޓިން އިން މޮޅު ކުޅުމެއް ދައްކައި ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. މެޗުގައި އާސެނަލްގެ ފުރަތަމަ ގޯލު ވިލިއަމް ސަލިބާ ޖެހިއިރު ދެވަނަ ގޯލަކީ ސްޕޯޓިންގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެވެ. މި ދެޓީމުގެ ދެވަނަ ލެގްގެ މެޗު އަންނަ ހަފްތާ އޮންނާނީ އާސެނަލް ދަނޑުގަ އެވެ.

ރޭ ޔުވެންޓަސް ވެސް ވަނީ އަމިއްލަ ދަނޑުގައި މޮޅުވެފަ އެވެ. އެންހަލް ޑި މާރިއާގެ ހަމައެކަނި ގޯލުން ޖަރުމަނުގެ ފްރެއިބާގް އަތުން ޔުވެންޓަސް މޮޅުވީ 0-1 އިންނެވެ.

ޖަރުމަނު ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ޔޫނިއަން ބާލިން ރޭ އަމިއްލަ ދަނޑުގައި ޔޫނިއަން ސެއިންއާ ވާދަކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. އެހެން މެޗުތަކަށް ބަލާއިރު ބަޔާން ލެވަކޫސަން، ސެވިއްޔާ އަދި ރޯމާ ވެސް ވަނީ އަމިއްލަ ދަނޑުގައި 0-2 އިން މޮޅުވެފަ އެވެ. ބަޔާން ލެވަކޫސަން އިން ފްރެންވަރޯސް ބަލިކުރިއިރު ރޯމާ ވަނީ ރެއާލް ސޮސިއެޑާޑް ބަލިކޮށްފަ އެވެ. ސެވިއްޔާ މޮޅުވީ ފެނަބާޗޭ އަތުންނެވެ.

ރޭ ޝަކްތާ ޑޮނެސްކް އަމިއްލަ ދަނޑުގައި ފޭނޫޑާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ދެވަނަ ލެގްގެ ހުރިހާ މެޗެއް ވެސް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރެ އެވެ.