އާސެނަލް އަތުން ބަލިވި މެޗުގައި މެންޗަސްޓާ ޔުނައިޓެޑްގެ ދެ ކުޅުންތެރިއަކަށް އަނިޔާވެއްޖެ އެވެ.
އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރޭ ފަތިހު ކުޅުނު މެޗުގައި އާސެނަލް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވިއިރު އަނިޔާވީ ޔުނައިޓެޑްގެ ރަސްމުސް ހޮއިލުންޑް އާއި ލެނީ ޔޯރޯ އަށެވެ.
އެމެރިކާގައި ކުޅުނު މި މެޗުގައި އާސެނަލްއިން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.
ހޮއިލުންޑްގެ ލަނޑާއެކު ޔުނައިޓެޑުން ލީޑު ނެގި ނަމަވެސް އާސެނަލް މޮޅުވީ ޖީސުސް އާއި މާޓިނެއްލީގެ ލަނޑުތަކުންނެވެ.
މެޗުގެ ކުރިން އެއްބަސްވެފައިވާ ގޮތަށް މި މެޗަށްފަހު ވަނީ ޕެނަލްޓީ ޖަހާފަ އެވެ. ޕެނަލްޓީ ޝޫޓްއައުޓް 3-4 އިން ކުރި ހޯދީ ޔުނައިޓެޑުންނެވެ.
މެޗުގައި އަނިޔާވި ހޮއިލުންޑް އާއި ޔޯރޯއާ ބެހޭގޮތުން ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ އެކަމާމެދު އިތުރަށް އެއްޗެއް ބުނަން އެނގޭނީ 24 ގަޑިއިރަށް ފަހު ކަމަށެވެ.
މިދިޔަ ސީޒަންގައިވެސް ޔުނައިޓެޑަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. އަދި އެއީ އެ ސީޒަންގައި ޔުނައިޓެޑަށް އެދެވޭ ނަތީޖާއެއް ނުނެރެވުނު ސަބަބު ކަމަށް އޭރު ޓެން ހާގް ބުނެފައިވެ އެވެ.